މުއިއްޒު އިބްރާއާއި ބައްދަލުކުރައްވައިފި، ތާއީދު ކުރައްވަން ނިންމެވި ކަމެއް ސާފެއް ނޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުއިއްޒު، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ)އާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި މިކަން ހިއްސާ ކުރައްވައި ވިދާޅުވީ، އެދެބޭފުޅުން ބައްދަލު ކުރެއްވީ، ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަކަށް ކަަމަށެވެ. އެދެބޭފުޅުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

"ކަމެއްގައި ހިޔާލެއް ދެވޭނީ ބޭނުން ވެގެން އައި މީހަކަށް، އަދި ވަޑައިގަތީ މުއިއްޒު" އިބްރާ ވިދާޅުވިއެވެ.

އިބްރާއާއި ބައްދަލުކުރައްވައި ޑރ.މުއިއްޒު ދެއްކެވި ބައެއް ވާހަކަތައް ހިއްސާ ކުރައްވައި އޭނާ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، އެކި ކަންކަމުގައި އޭނާގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވި ކަމަށެވެ.

"ކޮންމެ ބޭފުޅަކު ހުންނެވިޔަސް، ރައްޔިތުންގެ ހިދުމަތުގައި ދެވެން އޮތް ހިދުމަތެއް ދޭނެ ވާހަކަ ދެންނެވިން" އިބްރާ ވިދާޅުވިއެވެ.

އިބްރާގެ ޓްވީޓުގައި، މިފަހަރުގެ އިންތިޚާބުގައި ޑރ.މުއިއްޒުއަށް ތާއިދު ކުރައްވާނެކަން ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރައްވައެވެ. އިބްރާ އަކީ ޕީޕީއެމްއާ ވާދަވެރި އެމްޑީޕީ އުފެއްދުުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އެހެންނަމަވެސް ފަހަކަށް އައިސް އިބްރާ ގެންދަވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.