ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު އަޙްމަދު ސަލީމާއި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އިތުރުން، އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދު މަޖިލީހުގެ ޖަލްސާތަކުން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ފާހަގަވޭ، ޕީޕީއެމްގެ އިއްޒަތްތެރި މެމްބަރުންގެ ތެރެއިން، ޚާއްސަކޮށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ވަރަށް މަދުން އަޅުގަނޑަށް މި ފެންނަނީ. ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް ހަމަ އެއްގޮތަކަށްވެސް، ދޮޅު އަަހަރުވެގެން މިދަނީ މިތަނުން ނުފެންނަ ކަމަށް. ދެން އެމްޑީއޭ އަދި އެއީ ބޭހަކަށްބެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ވުރެ ތަދު" ރިޔާސަތުގައި އިންނަވައި، ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 27 ވަނަ ޖަލްސާ ފައްޓަވައިދެއްވަމުން، ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ވަޑައިގެންފައިވަނީ، 87 މެމްބަރުންގެ ތެރެއިން، 22 މެމްބަރުން ކަމަށެވެ. 17 މެމްބަރުން ސަލާމް ވިދާޅުވިއިރު، ތިން މެމްބަރަކު ހުންނެވީ ކަރަންޓީނުގައެވެ.