ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ލަދެެއްގައި ބެދެން ޖެހުނީ ކީއްވެ؟

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ކުރިން ބޮޑު ތާއީދެއް އޮތް ކައުންސިލްތަކެއްގެ ގިނަ ގޮނޑިތަކެއް ސަރުކާރާއި ވާދަވެރި ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެވެ.

މިއީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަދަލުތަކެއް އައިކަމުގެ ހެއްކެކެވެ.

ބޮޑު ދެ އިންތިހާބު ކާމިޔާބު ކުުރުމަށްފަހު، ރައްޔިތުންގެ ބަސް އިއްވަން ލިބުނު ފުރުސަތުގައި ކުރިން އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ އޮތް ކައުންސިލްގެ ގޮނޑޮތައްވެސް ގެއްލުމާއިއެކު، މިއީ ރައްޔިތުން އެމްޑީޕީއަށް ދިން "ވަރުގަދަ" މެސެޖެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުންވެސް އަންނަނީ ސިފަކުރަމުންނެވެ.

މިއީ އެމްޑީޕީއަށްވެސް ސިހުން ގެނުވި ނަތީޖާއެވެ. މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ނެރުނު، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އެކުގައި ކެމްޕެއިނަށް ނުކުންނެވީވެސް ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، ރައީސް މުހައްމަދު ނަޝީދެވެ. އަނަސްއަކީ އެމްޑީޕީ ކަމަށާއި، އަނަސްއަށް ދޭ ކޮންމެ ވޯޓަކީ އެމްޑީޕީއަށްދޭ ވޯޓެއް ކަމަށް ދެބޭފުޅުން ވިދާޅުވަމުން ގެންދެވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީީޕީން ހެދި ހާއްޔެއް ކަމަށާއި، އެހާލީގައި ޕީޕީއެމްއަށް ބިހެއް ނޭޅޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވަމުން ގެންދެވިއެވެ.

ނަމަވެސް ޕީޕީއެމްއިން މިވަނީ އެމްޑީޕީއަށް ހައިރާންކަމެއް ގެނުވައި، އެޕާޓީން ހެދި ހާލީގައި ބިސް އަޅައިފައެވެ. ވަށަފަރުން އައި "ހޮޅި މުއިއްޒު"އަށް މާލޭގެ ރައްޔިތުންގެ އިހްސާސްތަކެއް ނޭނގޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހުށަހެޅޭ ބިލުތަކަށް ބަހުސް ނުކުރައްވައި، ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި ޑރ.މުހައްމަދު މުއިއްޒުއަށް އެވަރަށް އެންޓި ކެމްޕެއިން ކުރުމުންވެސް، މާލޭގެ ރައްޔިތުން މިވަނީ މި ސަރުކާރަށް ނޫނެކޭ ބުނެ، "މުއިއްޒުވާން" ނިންމައިފައެވެ.

މިފަހަރުގެ އިންތިހާބުގައި، ޕީޕީއެމްއަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ، އަބަދުވެސް އެމްޑީޕީއަށް އަޣްލަބިއްޔަތު ލިބެމުން އައި މާލެ ސިޓީ ކައުންސިލްގެ އިންތިހާބުންނެވެ. އެމްޑީޕީ އުފެދުނީއްސުރެ، މިއަދާއި ހަމައަށް މާލެ ސިޓީން ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެއް ނުވެއެވެ. މާލޭގެ މޭޔަރު ކަމުގެ ގޮނޑިއާއިއެކި، މާލެ ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން، ޕީޕީއެމްއިން 14 ގޮނޑި ކާމިޔާބު ކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

ވެރިރަށް މާލޭގެ ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ސިޔާސީ އެކި ބޭފުޅުން އެކި ހިޔާލުތައް ވަނީ ފާޅުކުރައްވައިފައެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް(އިބްރާ) ދެކެވަޑައިގަންނަވާ ގޮތުގައި މިއުޅެނީ ޕާޓީގެ ލީޑަރޝިޕްގެ މައްސަލައެެވެ. 17 އަހަރުވެފައިވާއިރު، އެއް ބަޔަކު އެމްޑީޕީ "ހިސޯރު" ކޮށްގެން އުޅުމަކީ، ރައްޔިތުން ބޭނުންވާ ނަތީޖާ ނުފެނި، އެމްޑީޕީ ބޮޑުތަނުން ފެއިލްވާން މެދުވެރިވި ސަބަބު ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

"އަހަރެންނަށް ހީވަނީ ޕާޓީގެ ހިންގުމަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެހެން" އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އިބްރާ ވަނީ ވެރިކަން ކުރުމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ 75 އިންސައްތަ ލިބިއޮވެ، އެމްޑީޕީއަށް މި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައެެވެ. އިބްރާގެ ވާހަކައިގައި ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރެއްވީ އެމްޑީޕީގެ އެތެރެއަށެވެ. ޕާޓީގެ ލީޑަރޝިޕް ބަދަލު ކުރަން ޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުން އޭނާ ވާހަކަ ދެއްކެވިއެވެ.

އެހެންނަމަވެސް، އިބްރާގެ މިވާހަކަތަކަށް އެމްޑީޕީގެ މިހާރުގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެކޮޅު ހެއްދެވިއެވެ. އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް ނަޝީދު ވިދާޅުވީ، ބަލި ޤަބޫލު ކުރައްވާ ކަމަށާއި، ޕާޓީގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ބަލައި، ރަނގަޅު ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ލީޑަރޝިޕާއި ދުރަށް ވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަ އެއްވެސް ތަނެއްގައި ލޯކަލް ކައުންސިލް ނިމިގެން ޕާޓީގެ ލީޑަރެއް ވަކިވި ތަނެއް ނުދެކެން. މި ލީޑަރު ވަކި ނުވާނެ، ނުވެސް ދާނެ އެއްވެސް ތަނަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާއި ގުޅޭގޮތުން، ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އެއް ވަޒީރު، ފައްޔާޒު އިސްމާއީލް ވިދާޅުވީވެސް އެތެރޭގެ މައްސަލަތައް ހުރި ކަމަށެެވެ. ސަރުކާރު ތެރެއިން، އިސް ބޭފުޅުންގެ ވާހަކަތައް މިގޮތަށް ހުރިނަމަވެސް، ސަރުކާރުގެ ވާދަވެރިންގެ ވާހަކަ ތަފާތެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަނީ މިއީ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުގެ ހިތި ނަތީޖާ ކަމަށެވެ. އެގޮތުން ވެރިކަމަށް ދެއަހަރާ ބައި ވާން ކައިރިވީއިރު، ބޮޑު މަޝްރޫއެއް ހިންގިފައި ނުވުމާއި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެޅި ފްލެޓްތައް ހައްޤުވެރިންނަށް ނުދެވުމާއި، ބޮޑެތި މަރުގެ މައްސަލަތަކަށް އިންސާފު ހޯދައި ނުދެވުމަކީ، ވެރިރަށް މާލޭގެ ރައްޔިތުން އެންމެ ބޮޑަށް މާޔޫސްވި ސަބަބުތައް ކަމަށް އިދިކޮޅުން ބުނެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުުރުސަތު ލިބުނުނަމަ މިއަށްވުރެ ބޮޑު ކާމިޔާބީއެއް ޕީޕީއެމްއިން ހޯދީސް ކަމަށެވެ.

"އަޅުގަނޑުމެންނަށް ރަށްރަަށަށް ދަތުރު ކުރާނެ ފުރުސަތު ލިބުނުނަމަ، މި ރާއްޖޭގެ އެއްވެސް އަތޮޅެއް އެމްޑީޕީއަަކަށް ނުލިބުނީސް. އޭގެ ހެކި އެއޮތީ މާލެއިން ދައްކާފަ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ގިނަ ގޮންޖެހުންތަކާއިއެކުގައި ކަމަށާއި، ދައުލަތުން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާވެސް ހުރީ ހިފަހައްޓާފައި ކަމަށެވެ.

ކޮންމެއަކަސް، ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ޔަގީންވެގެން ދިޔަ އެއްކަމަކީ ރައްޔިތުން ބޭނުންވާ މިސްރާބަށް ގައުމު ނުދާނަމަ، ރައްޔިތުން އެ މިސްރާބު، ގަލަމުން ޖަހާ ފާހަގައިން ބަދަލު ކުރާނެ ކަމެވެ. ވަކި ޕާޓީއަކަށް އަޅުދާސްވެގެން ތިބުމަކީ ކުރާނެ ކަމެއް ނޫން ކަމެވެ.