ހާލި ވައްޓާނުލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ޝިފާގުގެ ރައްދެއް

އެމްޑީޕީން ހެދި ހާލި ވައްޓާލިޔަސް، ގާބިސް ނާޅާ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝިފާގު މުފީދު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރާއި ވާދަވެރި ޕީޕީއެމްއިން ވަނީ، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދައި، މީގެ ކުރިން އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުނު އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތަކެއްވެސް އަތުލައިފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕީޕީއެމްއިން އެމްޑީޕީގެ ހާއްޔަށް މިފަހަރު "ބިސް އަޅަައިފި" ކަމަށެވެ. ނަޝީދު މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"މިފަހަރު ކޮވެއްޔަށް ވީ ގޮތް ވެނިމިފައި މިއޮތީ. ހާލި ހެދީ އަޅުގަނޑުމެން. ކާޅު. ޕީޕީއެމްއިން ބިސް އަޅާފައި މިއޮތީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ހާއްޔަކަށް ޕީޕީއެމްއިން ބިސް އެޅިޔަސް، ބުޅާ ހެދިގެން ހާލި ވައްޓާނުލާނެ ކަމަށެވެ.

ނަޝީދުގެ މިވާހަކައަށް ފާޑުވިދާޅުވެ، ޝިފާގް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީން ބިސް ފީކުރީ ރައްޔިތުން "ބަނޑުދަށުލައިގެން" ކަމަށެވެ. ފިޔޮއް ނުކުތްއިރު، އެމްޑީޕީއަށްވުރެ، ގިނަވީ ޕީޕީއެމްގެ ފިޔޮއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބުޅާ ހެދިގެން ހާލި ވައްޓާލައިފިނަމަ، ތަޅައިގެން ދާނީ ހާލީގައި ހުރި ގާބިސްތައް" ޝިފާގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގާބިސް ގިނައިން އެޅީ އެމްޑީޕީއެވެ. އެހެންކަމުން، ހާލި ވައްޓާލިޔަސް، ގާބިސް ނާޅާ ކަމަކަށް ނުވާނެ ކަމަށްވެސް ޝިފާގު ވިދާޅުވިއެވެ. 

މިވަގުތު ނަތީޖާތަކަށް ބަލާއިރު، މާލޭ ސިޓީގެ މޭޔަރުގެ އިތުރަށް، 18 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ޔަގީން ކުރެވިފައި ވަނީ ހަތް ގޮނޑިއެވެ. މޭޔަރުގެ ގޮނޑިއާ އެކު ޕީޕީއެމް އިން 11 ގޮނޑި ޔަގީންކޮށްފައިވާ ކަމަށް ދައްކައެވެ.

އައްޑޫ ސިޓީ ކައުންސިލަށް ބަލާއިރު، އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު ވަނީ މޭޔަރުކަން ކަށަވަރުކޮށްފަ އެވެ. ނަމަވެސް 13 މެމްބަރުންގެ މައްޗަށް އެކުލެވޭ އައްޑޫ ކައުންސިލްގެ ބާކީ ހުރި 12 ގޮނޑީގެ ދެބައިކުޅަ އެއްބައި އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ. ޕީޕީއެމް އިން ތިން ގޮނޑި ނެގި އިރު، އަމިއްލަ ތިން ކެންޑިޑޭޓުން ވެސް ވަނީ ގޮނޑި ކާމިޔާބު ކޮށްފައެވެ.