ރައީސް ސޯލިހު ވިދާޅުވަނީ އެމަނިކުފާނާއި ރައީސް ނަޝީދާއި ދެމެދަށް ވަނީ ވެންޓިލޭޓަރެއް ނޫން ކަމަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު މިހެން ވިދާޅުވިއިރު، އެމަނިކުފާނާއި ރައީސް ސޯލިހުއާއި ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުބާއީގެ އެގްޒެކިއުޓަރސް ޖެެނެރަލް ޓްރޭޑިންގ ކުންފުންޏާއި ހަވާލުކޮށްގެން، ދިވެހިރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި މައްސަލައާއި ގުޅިގެން، ރައީސް ސޯލިހުއާ ދެމެދު ހިޔާލުތަފާތުވުންތަކެއް ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މި މައްސަލައިގައި، ސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއް ކަމަށްވެސް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ހިޔާލުތަފާތުވުންތަކަށް ޖާގަދޭ ޕާޓީއެއް ކަމަށެވެ. އެހެންނަމަވެސް، އެފަދަ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީއަށް، އަދި ގައުމަށްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

"ހިޔާލު ތަފާތުވާ ބައެއް ކަންތައް ހުއްޓަސް، އޭގެ ސަބަބުން، ޕާޓީއަކަށް، މި ގައުމަށް ދެރަވާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ބައެއް މައްސަލަތަކުގައި "އަބަދުވެސް" ހިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށެވެ. އެހެން އެކަންވަނީ، އެމްޑީޕީއަކީ ތަފާތު ހިޔާލާއި ވިސްނުމަށް ޖާގައޮތް ޕާޓީއަކަށްވާތީ ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.