މެޑަމް ފާތުންގެ ސިޓީފުޅާއެކު ރައީސް ޔާމީން ގެއަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދެއްވާނެ ކަމުގެ އިޝާރާތެއް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވައިފިއެވެ.

އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން، އެމަނިކުފާނުގެ އަނބިކަނބަލުން، އަދި ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހީމްގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. 
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަަމަޟާން މަހާއި ދިމާކޮށް، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، ރައީސް ސޯލިހު ވިދާޅުވީ އެކަމަށް އެދިވަޑައިގެން މެޑަމް ފާތުންގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕާއި މީގެ ތިން ހަތަރު ދުވަސްކުރިން އަޅުގަނޑު ބައްދަލުކުރިން. އެބޭފުޅުންގެެވެސް އެންމެ ބޮޑު އެދިވަޑައިގަތުމަކީ ރައީސް ޔާމީނަށް ލުޔެއް ހޯދައިދިނުން. ގެޔަށް ބަދަލު ކުރުން، ނޫނީ ކޮންމެވެސް އެހެން ގޮތެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ. 

"އިރާދަކުރެއްވިޔާ ދެރަ ގޮތެއް ރައީސް ޔާމީނަކަށްވެސް ނުވާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އާއިލާއާއި ވަކީލުންގެ ފަރާތުން މީގެ ކުރިންވެސް އެދިފައިވެއެވެ. ރައީސް ޔާމީން މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް ވަނީ ފަށާފައެވެ.