ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ރައީސް ޔާމީން ދެކޮޅު ހައްދަވާ: ރައީސް ސޯލިހު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް، ކުރީގެ ފަސްޓްލޭޑީ، މެޑަމް ފާތިމަތު އިބްރާހީމް ފޮނުއްވި ސިޓީފުޅެއްގައި، ރައީސް ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ބަޔާންކުރައްވާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ޑޮކްޓަރުން ލަފާ ދެއްވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނަމަވެސް، އެމަނިކުފާނު އެގޮތް ބޭނުންފުޅު ނުވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ރާއްޖެއިން ނުހެދޭ ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރުން ބުނީ. ބޭނުންފުޅުވަޑައެއް ނުގެންނެވި. އެއީ ކުރިން ޑޮކްޓަރުން ދެއްވި ލިޔުމެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ދިން ނަމަވެސް، އެމަނިކުފާނު ދިވެހި ގައުމާއި ރައްޔިތުން ދޫކޮށްލެއްވުމަށްފަހު ބޭރަށް ވަޑައިނުގަންނަވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.