މާތްވެގެންވާ ރަމަޟާންމަހަކީ މުސްލިމުންނާއި ކޮންމެ އަހަރަކު އެއްފަހަރު ބައްދަލުކުރާ އަޅުކަމުގެ، މާތް މައްސަރެކެވެ.
ތަޤުވާވެރިވެ، ހެޔޮ ޢަމަލުތައް ކުރުމަށް މުސްލިމުންނަށް ލިބިގެންދާ މި ރަނުގެ ފުރުސަތުގައި، ރޯދައަށް ހުރުމުގެ ސަބަބުން، މާއްދީ ގޮތުންވެސް ގިނަ ފައިދާތަކެއް ލިބިދެއެވެ. ރޯދައިގެ އަޅުކަމުގެ ސަބަބުން އިންސާނާގެ ސިއްހަތަށް ގިނަ ގުނަ ފައިދާތައް ލިބެއެެވެ. ރޯދައާއި ގުޅޭގޮތުން ޕްރޮފެސަރ ހުސައިން އުގައިލް ވިދާޅުވެފައިވަނީ، ރޯދައިގެ ފައިދާ ބާރުގަދަ ބޭސްގުޅައަކަށްވުރެ ބޮޑު ކަމަށެވެ.
ކޮންމެއަކަސް ރޯދައިގެ ފައިދާތައް ގިނަ ކަމަށް ބާރުލިބިދޭ ކަންކަމުގެ ތެރޭގައި، ބައެއް ބަލިތައް ޖެހުމުން ޑޮކްޓަރަށް ދައްކާލުމުންވެސް "ފާސްޓިންގ"އަށް ލަފާ ދެއެވެ. އެހެންކަމުން، ރޯދަ މަހު މުސްލިމުން ނުކައި ހުންނަ ގޮތަށް ޣައިރު މުސްލިމުންވެސް އެކަން ކުރެއެވެ. އެކަމުގެ ސިއްހީ ފައިދާތައް ގިނަ ކަމުންނެވެ.
މި ފެށުނު ރަމަޟާންމަހުގައި ދިވެހިރާއްޖޭގެ މުސްލިމުންނާއި ބައިވެރިވެ، ރޯދަ ހިފައި ކީރިތި ޤުރުއާންވެސް ވިދާޅުވާނެ ކަމަށް އިނގެރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ މިވަނީ ހާމަކުރައްވައިފައެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ ދިވެހީންނަށް ރަމަޟާން މަހުގެ ތަހުނިޔާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ. މިދިޔަ ރޯދަމަހު ކޯވިޑް-19އާއި ހެދި، ފުރަބަންދުކޮށްފައި އޮތުމުން ރޯދައަށް ހުންނަން އުނދަގޫވި ކަމަށްވެސް ކެރޮންގެ ޓްވީޓުގައި ފާހަގަކުރެއްވިއެވެ.
އަދި ރޯދައަށް ހުރުމާއިމެދު އާއްމުންގެ ހިޔާލަށް މަރުހަބާ ކިޔާ ކަަމަށްވެސް ވިދާޅުވިއެވެ.
ކެރޮންގެ ޓްވީޓަށް ރިޕްލައި ކުރި ބައެއް މީހުން ވަނީ ރޯދައަށް ހުންނައިރު، ކަރު ހިއްކުމުން ސަލާމަތް ވުމަށް ފަތިހު ގިނައިން ފެން ބުއިމަށް އިރުޝާދު ދީފައެވެ. ތިން ކަދުރާއި ފެންތައްޓަކުން ރޯދަ ވީއްލުމަށްވެސް ޓްވީޓަށް ރިޕްލައި ކުރި މީހަކު ވަނީ ނަސޭހަތް ދީފައެވެ. އަދި އޭގެ 30 މިނެޓު ފަހުން ބޭނުން ކޮންމެވެސް ކާއެއްޗެއް ކެއުމަށްވެސް ލަފާދީފައިވެއެވެ.
ރޯދަ ހިފުމާއިއެއްކޮށް ކީރިތި ޤުރުއާންވެސް ވިދާޅުވާނެ ކަމަށް ކެރޮން ހާމަކުރެއްވިއިރު، ކީރިތި ޤުރުއާން މާނައާއިއެކީގައި ވިދާޅުވުމަށްވެސް ބައެއް މީހުން އެދިފައިވެއެވެ.