ސިޔާސީ ލީޑަރުންނަށް ހުކުމް އިއްވުމުން ޕްރޮމޯޝަން ދިނުމަކީ އިންސާފަށް އެޅޭ ހުރަހެއް: މަލީހު

ސިޔާސީ ލީޑަރުން ޖަލަށް ލުމުން ބޮޑެތި ޕްރޮމޯޝަންތައް ލިބުމަކީ، ޝަރުއީ ނިޒާމަށް އޮތް ހުރަހެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިދިޔަ މާޗު މަހުގެ ފުރަތަމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގައި، އިތުބާރު ނެތް ކަމަށް ފާސްކޮށް، މަޤާމުން ވަކި ކުރިފަހުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ މަލީހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ގޯސްކޮށް ކުރާ ކަންކަން ފޮރުވައި، މަތި އެޅި ޒަމާން މާޒީވެ ގޮސްފައިވާ ކަަމަށެވެ. ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުމުގެ ވިސްނުން ހުރިނަމަ، އެކަން ފެންނަން ޖެހޭ ކަމަށާއި ލިބޭ ފުރުސަތަކީ އިމްތިހާނެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުން ޖަލަށް ލުމުން ބޮޑެތި ޕްރޮމޯޝަން ލިބޭ ކަމަށް މަލީހު ވިދާޅުވެފައިވާއިރު، އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދަށު ކޯޓުގައި، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވެވި ގާޒީ އަލީ ރަޝީދު ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކޮށްފައެވެ. މިއީ ރައީސް ޔާމީންގެ މައްޗަށް "ސިޔާސީ" ހުކުމެއް އިއްވެވުމުން ދިން އިނާމެއްގެ ގޮތުގައި ސަރުކާރުގެ ވާދަވެރިން ސިފަކުރެއެވެ.

ރައީސް ޔާމީންގެ މައްސަލަ ދަށު ކޯޓުގައި އެންމެ ފުރަތަމަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް، ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފައިވަނީ، މައްސަލައިގެ ހުކުމް އިއްވުމަށް ދެތިން ގަޑިއިރަށް ވެފައިވަނިކޮށެވެ.