ޑރ. މުއިއްޒު އަކީ ގާބިލު ހިންގުންތެރިއެއް: އަބްދުއްރަހީމް

މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު އަކީ އިހްލާސްތެރިކަމާއި ގާބިލުކަން ލިބިވަޑައިގެންފައިވާ ހިންގުންތެރިއެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

 

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހީން ދެކެފައިވާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ކާމިޔާބުކަމާއިއެކު ހިންގަވައި ޑރ.މުއިއްޒުގެ ގާބިލުކަން ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

 

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. ޑރ.މުއިއްޒުގެ އިތުރުން، މޭޔަރު ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އަނަސް އަބްދުއްސައްތާރާއި، އަމިއްލަ ގޮތުން ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީއެވެ.