މިމަހުގެ 20 ވަނަ ދުވަހުގެ ފަހުން ކަރަންޓީނު ނުވެ ރަށްތަކަށް ދަތުރު ކުރެވޭނެ އުސޫލެއް އެކުލަވާލައިފި

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ރަށްތަކަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އާންމުކޮށްފިއެވެ.

އެގޮތުން މިރޭ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމުގައި ވަނީ، ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުން، ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާނަމަ، އެރަށަކަށް ކަރަންޓީނު ވުމަކާއި ނުލާ ދަތުރު ކުރެވޭނެ ކަަމަށެވެ.

އަދި އާބާދީގެ 60 އިންސައްތައަށް ވެކްސިން ދެވިފައިނުވާ ރަށަކަށް ދަތުރު ކުރަން ބޭނުންނަމަ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ދެހަފްތާ ވެފައިވާނަމަ، އެރަށަކަށް ދެވޭނެ ކަމަށް މިރޭ ނެރުނު އެންގުމުގައި ވެއެވެ.

ފަތުރުވެރިންގެ އިތުުރުން، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައްވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާނަމަ، ދަތުރު ކުރުމަށް ނެގެޓިވް ޕީ.ސީ.އާރް ޓެސްޓެއް ބޭނުން ނުވާނެ ކަމަށްވެސް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

ކޯވިޑް-19އާއި ގުޅިގެން ރަށްރަށަށް ދާއިރު ކަރަންޓީނުވާން ޖެހޭ އުސޫލަށް ބޮޑު ލުޔެއް ދީފައިވާއިރު، ވެރިރަށް މާލެއިން ކޯވިޑްގެ އެންމެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން މާލެ ފުރަބަންދު ކުރިތާ މިވަނީ އަހަރެއް ވެފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ.