ވަކި މީހަކު ހަވާސާގައި ހުރުމަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ސަބަބެއް ނޫން: ރައީސް ވަހީދު

ވަކި މީހަކު ހަވާސާގައި ހުންނަން ޖެހުމަކީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ.ވަހީދު ކުރައްވާފައިވާ ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށާއި، ބައެއް ވަޒީރުންނާއި، މަޖިލީހުގެ ބައެއް މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ.

ރާއްޖެއަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ރައީސް ނަޝީދު އަބަދުވެސް ދެކެވަޑައިގަންނަވައެވެ. މީގެ ކުރީންވެސް އެނިޒާމަށް ތާއީދު ކުރައްވައި ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެހެންނަމަވެސް، ރިޔާސީ އިންތިހާބު ނުބާއްވާ ގޮތަށް، ވެރިކަމުގެ ނިޒާމް ބަދަލުކޮށް، މަޖިލީހުން ރައީސްކަމަށް ބޭފުޅަކު  އިންތިޚާބު ކުރަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވުމުން، އެތައް ބައެއްގެ ފާޑުކިޔުން ރައީސް ނަޝީދަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން ކުރީގެ ރައީސް ޑރ.ވަހީދު ވިދާޅުވީ، ވަކި މީހަކު ހަވާސާ ވެފައި ހުންނާތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ނުޖެހޭ ކަމަށެވެ.

"އެބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީމައި" ރައީސް ވަހީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް 2007 ވަނަ އަހަރުގައި ނެގި ވޯޓެއްގައި ދިވެހި ރައްޔިތުން ވަނީ ނިންމައިފައެވެ.