ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ރައީސް ސޯލިހުއަށް މެސެޖު ކުރެއްވުމާއި ގުޅިގެންނެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަމަށާއި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށެވެ. އަދި 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ނުބާއްވައި، 2024 ވަނަ އަހަރު މަޖިލީހުން ރައީސްއަކު އިންތިޚާބު ކުރުމަށްވެސް އެދިވަޑައިގަތެވެ.