ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ، އެ ނިޒާމުގެ ދަށުން ކުރާ ވެރިކަމެއްގައި ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވިސްނުންފުޅު ހުރިގޮތް މީޑިއާއަށް ތިލަކޮށްދެއްވައިފައެވެ.
"ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލިބިވަޑައިގެންފައި. މިހާރު މި އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ، މިިކަމަށް ބަދަލެއް ގެނެވޭނީވެސް، އާންމު ރައްޔިތުންގެ ވޯޓަކުން ކަަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ" ރައީސް އޮފީހުން ބުނެފައިވެެެއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އަބަދުވެސް ތާއީދު ކުރައްވާ ރައީސް ނަޝީދު އެންމެ ފަހުން މި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ، ރައީސް ނަޝީދާއި ދެކޮޅަށް ބަސް ވިދާޅުވެފައެވެ.
މިފަދަ ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން ރައީސް ނަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ، ރައްޔިތުން އެގޮތް ބޭނުން ވެގެން ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ނިޒާމް ބަދަލުކުރުމުގެ ކޮންމެ މަޝްވަރާ އަކީ، އަދި ކޮންމެ މަސައްކަތަކީ، ފެންނަ ނުފެންނަ ވޯޓާއި ގުޅޭ ކަންކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސް އަލުން ފެށިފައިވާއިރު، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް 2007 ވަނަ އަަހަރު ވަނީ ރައްޔިތުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން ނިންމައިފައެވެ.