އާޒިމް ރައީސް މައުމޫނަށް: ރައްޔިތުން ބޭނުންވެއްޖެނަމަ އިރުއިރުކޮޅުންވެސް ނިޒާމު ބަދަލު ކުރެވޭނެ

ރައްޔިތުން ބޭނުންވެއްޖެނަމަ، އިރުއިރުކޮޅުންވެސް ވެރިކަމުގެ ނިޒާމް ބަދަލު ކުރެވިދާނެ ކަމަށް ވިދާޅުވެ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ރައްދު ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވަން ބޭނުންފުޅުވެލައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް މެސެޖެއް ކުރައްވައި، އަންގަވައިފައެވެ.

ރައީސް ނަޝީދު އެދިވަޑައިގަތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވައި، 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަކުން ރައީސަކު އިންތިޚާބު ކުރުމަށެވެ. އަދި "އެއްފަރާތެއްގައި" ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި، ޤައުމު ހިންގަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ރައީސް މައުމޫން ވިދާޅުވީ، ވެރިކަމުގެ ނިޒާމަކީ އިރުއިރުކޮޅުން ބަދަލު ނުކުރެވޭނެ ކަމަށާއި، ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ހޮވާފައިވާ ނިޒާމެއް ކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެ ކުރެއްވި ޓްވީޓު، ރީޓްވީޓް ކުރައްވަވައި، އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވެއްޖެ ނަމަ، ނިޒާމުވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.

"ރައްޔިތުން ބޭނުން ވެއްޖެނަމަ، އިރުއިރުކޮޅުންވެސް ކުރެވޭނެ ދެއްތޯ؟" އާޒިމް ސުވާލު އުފެއްދެވިއެެވެ.