މައިންބަފައިންގެ ކުރިމަތީގައި ދަރިން ޒުވާބު ކުރުން ހުއްޓުވާނީ ކިހިނެއް؟

ދަރިން މައިންބަފައިންގެ ކުރިމަތީގައި ހިތްހަމަނުޖެހިގެން ބަސްބުނެ، ޒުވާބު ކުރުމަކީ ނޭދެވޭ ސިފައެއް ނަމަވެސް، އެއީ މުޖްތަމައުގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ.

މަންމަ ނުވަތަ ބައްޕައާއި ދިމާލަށް ކިތަންމެ އުމުރުން ހަގު ކުއްޖަކުވެސް ހިތްހަމަނުޖެހިގެން ބަސް ބުނެފާނެއެވެ. މިއީ ކުއްޖާ ހެދިބޮޑުވަމުން އަންނައިރު އާންމު ކަމެކެވެ. ގިނަ ފަހަރު މިހެން ވާން ޖެހެނީ، މައިންބަފައިންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ފެނުމުންނެވެ. ނުވަތަ ތިބާގެ ދަރިފުޅަށް، އަމިއްލައަށް ގޯސްކަމެއް ކުރެވުނުކަން ގަބޫލު ނުކުރެވިގެންނެވެ. މިއީ މައިންބަފައިންނަށް ހުއްޓުވިދާނެ ކަމެކެވެ.

މައިންބަފައިން ކުރިމަތީގައި ޒުވާބު ކުރުން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ، އެއީ ގޯސްކަމެއްކަން ދަރިފުޅަށް ބުނެދިނުމެވެ. އެހެންކަމުން، ހެޔޮ ކަންކަމާއި، ނުބައި ކަންކަން ދަރިފުޅަށް ބުނެދިނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ދަރިފުޅު ތިބާގެ ކުރިމަތީގައި ޒުވާބު ކުރަން ފަށައިފިނަމަ، އެވަގުތު "އޯވަރިއެކްޓް" ނުކުރާށެވެ. މާބޮޑަށް އެކަމަށް ސަމާލުކަން ދީފިނަމަ، އެކަން ކުރަން ޝައުގުވެރިވުމަކީ ތުއްތު ކުދީންނަށް ވެދާނެ ކަމެކެވެ.

ދަރިފުޅު ގޯސްކަމެއް ކުރުމުން އަޑުލައި، ހަޅޭލަވައި ނުހަދާށެވެ. އޭގެ ބަދަލުގައި ދަރިފުޅަށް ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން ރީތިކޮށް ވިސްނައިދޭށެވެ. ދަރިފުޅު ގޯސް ކަމެއް ކުރުމުން އެކަމާއި އަޅާނުލާ ދޫކޮށްވެސް ނުލާށެވެ. ދަރިފުޅަށް ކުރެވުނީ ގޯސްކަމެއްކަން ހަނދާންކޮށްދީ، އަބަދުވެސް ހެޔޮ ގޮތް ބުނެދޭން ވާނެއެވެ.

ދަރިން ނަމޫނާއަކަށް ބަލަނީ، އެކުދިންގެ މައިންބަފައިންނެވެ. މައިންބަފައިންނަކީ އަޑުލައި، ހަޅޭލަވާ ބައެއް ކަމުގައި ވެއްޖެނަމަ، ދަރިންނަށް މި ސިފަ ދަސްވުމަކީ އެކަށީގެންވާ ކަމެކެވެ.