ސިވިލްސަރވިސް ކެޓެގަރީން ފްލެޓް ލިބުނު މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާނެކަން ނުވަތަ ނޫންކަން ސާފުކޮށްދޭން އެދިއްޖެ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން، ސިވިލް ސަރވިސް ކެޓެގެރީން ފްލެޓް ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު، ރައްޔިތުންގެ މަޖިލީހުގެ ލަފަޔާ އެއްގޮތަށް އަލުން ބަލާނެކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށް އާންމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާއިން އެދިއްޖެއެވެ.

އެ ޖަމިއްޔާއިން މިރޭ  ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ހިޔާ ފްލެޓުތަކާއި ގުޅިގެން މަޖިލީހުން ދެއްވި ރިކޮމެންޑޭޝަން ތެރޭގައި ސިވިލް ސާވިސް ކެޓެގަރީ ގެ ދިރިއުޅުމުގެ ހާލަތު ބަލައި ލިސްޓު އަލުން އެކުލަވާލުން ހިމެނޭ ކަމަށެވެ.

‏މިކަމާއި ގުޅޭގޮތުން ކަން ކުރާނެގޮތެއް ސަރުކާރުން މިހާތަނަށް އަންގާފައި ނުވާކަން އެޖަމުއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް ގުރުއަތު ނެގުމުގެ ކަންކަން ފެށިފައިވާއިރު، ސިވިލް ސަރވިސް ކެޓެގެރީން ފްލެޓް ލިބުނު މީހުންގެ ފްލެޓްތަކާ ގުޅިގެން އަމަލު ކުރާނެ ގޮތެއް ސާފުވުމަކީ، ފްލެޓް ލިބުނު ރައްޔިތުންނަށް މުހިންމުކަމެއްކަން ފާހަގަކޮށް އެޖަމުއިއްޔާއިން ބުނީ، މިއީ މުޅި ފްލެޓް ލިސްޓަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ސިވިލް ސަރވިސް ބައިގައި 1001 ފްލެޓް ހިމެނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ މެދުގައި ގުރު ނަގާފައިވާއިރު، ދެން ތިބި ކެޓެގަރީތަކުގެ މެދުގައި ގުރު ނަގަން ޖެހޭނީ އެކީގައިކަން ފާހަގަކޮށް، އާއްމުންގެ އެކުވެރި ގުޅުމުން ބުނީ، ސިވިލް ސަރވިސް ކެޓެގަރީއާއިމެދު އަމަލު ކުރާނެ ގޮތް އަވަހަށް ސާފުކޮށްދޭން އެދޭ ކަމަށެވެ.

މިދިޔަ މާޗުމަހުގެ ފަހުކޮޅު، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަަރައްޤީއާއި ތަރިކަ ކޮމިޓީން ވަނީ، ސިވިލް ސަރވިސް ކެޓެގަރީން ފްލެޓް ލިބުނު މީހުންގެ ދިރިއުޅުމުގެ ހާލަތޔ ވަޒަން ކުރުމަށް ލަފާދީފައެވެ. 

ސިވިލް ސާވިސް ކެޓަގަރީ އިން ފްލެޓު ދިނުމުގައި ބަލާފައިވަނީ މުވައްޒަފުން ވަޒީފާގައި ހޭދަކުރި މުއްދަތާއި، ކޮލިފިކޭޝަން ފަދަ ކަންތައްތަކަށެވެ.

މަޖިލީހުގެ ތަރައްގީއާއި ތަރިކަ ކޮމެޓީން ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ބުނީ ހިޔާ މަޝްރޫއުގެ ސިވިލް ސާވިސް ކެޓަަގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް، އެހެން ކެޓެގަރީތަކާ ހިލާފަށް ދިރިއުޅުމުގެ ހާލަތަށް ބެލުމެއްނެތި އިޖްތިމާއީ ގެދޮރުވެރިކަމަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާކަމަށެވެ.