ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން ދޫކުރަންޖެހޭ: ޑރ.އަހްމަދު އަބްދުﷲ ދީދީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ކަފާލާތުގެ ދަށުން ބަންދުން ދޫކުރަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭގޮތުން ހިއްސާ ކުރާނެ އާ މައުލޫމާތެއް ނެތް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން، ކުރީގެ އުއްތަމަ ފަނޑިޔާރު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖިނާއީ ޙުކުމެއް އިސްތިއުނާފުކުރުމުގެ ޠަބީޢީ ނަތީޖާއަކީ އެޙުކުމް ތަންފީޒުކުރުން ހުއްޓުމަކަށް އައިސް، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ ޙައްޤު އަލުން ކަށަވަރުވެގެން ދިއުން ކަމަށެވެ.

"އެހެންކަމުން، އިސްތިއުނާފުގެ މަރްޙަލާގައި ވެސް މުއްތަހަމަކު ބަންދުގައި ބެހެއްޓޭނީ ޤާނޫނު އަސާސީގެ 49 އަށް ރިޢާޔަތް ކޮށް. އޭގެ ޤާނޫނީ އަސާސަކީ ޙުކުމް ތަންފީޒުކުރުމެއް ނޫން." ޑރ.ދީދީ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 49 ވަނަ މާއްދާ އަށާއި، 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަފާލަތުގެ ދަށުން ރައީސް ޔާމީން ބަންދުން ދޫކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.