ދެވަނަ ފަހަަރަށް ފައިސާ ޗާޕު ކުރުމުގެ ގެއްލުން ތިން ހަތަރު މަސްތެރޭގައި ފެނިގެންދާނެ: ޝިޔާމް

ސަރުކާރުން ދެވަނަ ފަހަރަށް ފައިސާ ޗާޕު ކުރުމުގެ ނުރަނގަޅު އަސަރު، ތިން ހަތަރު މަސް ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ބ)، (ރ) އަދި (ހ)އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލްމަހުގައި ވަނީ ސަސްޕެންޑް ކޮށްފައެވެ.

ކޯވިޑް-19 ކޮންޓްރޯލް ނުކުރެވި، މިބައްޔާއިއެކު އެންމެ އެކަށީގެންވާ ވަރަށް އިޤްތިސާދު ކުރިއަރަމުން ނުދާތީ ކަމަށް ބުނެ، އެ މާއްދާތަކުގެ ސަސްޕެންޝަން މުއްދަތު ދަންމާލުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ. މި އެދުމާއި އެއްގޮތަށް އޯޑީގެ މުއްދަތު ދެވަނަ އަހަރަކަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ދައުލަތަށް ލިބޭ ފައިސާއިން، ސަރުކާރުން ކުރާ ކަމެއް ނޭނގޭ ކަމަށެވެ. ސަރުކާރުގެ އެކި ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާ ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ތާރީޚު ނުދެކޭ ވަރަށް ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ފައިސާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވަމުން ގެންދެވިއިރު، ފައިސާ ޗާޕު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުއްދަ ނުދިން ނަމަ، 2020 ވަނަ އަހަރުގެ އޭޕްރީލްމަހު މުވައްޒަފުންނަށް މުސާރަ ނުދެވުނީސް ކަމަށް އޭރު ސަރުކާރުން ބުނަމުން ދިޔަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދައުލަތަށް ލިބޭ އާމްދަނީއަށް ވާގޮތަކާއިމެދުގައި ރައްޔިތުން ސުވާލު އުފައްދާ ކަަމަށާއި، އާމްދަނީއާއި، ޓެކްސްއާއި ލޯނުގެ ގޮތުގައި ލިބޭ ފައިސާއިން ކުރަނީ ކޮންކަމެއްކަން ރައްޔިތުންނަށް ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ފައިސާ ޗާޕުކޮށްގެން ކުރާ ޙަރަދު އެނގޭނެހެން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބުނި ރިޕޯޓްވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. ޗާޕު ކުރާ ފައިސާ، އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދައި، ހަލާސް ކުރާނެ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާ ޗާޕު ކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ އަގު ބޮޑުވެ، ތަކެތީގެ އަގު ބޮޑުވެގެން ދިޔަ ކަމަށެވެ. އެފަދަ ގެއްލުންތަކެއް ލިބިފައިވަނިކޮށް، ދެވަނަ ފަހަަރަށް ފައިސާ ޗާޕު ކުރުމަކީ ރާއްޖޭގެ އިޤްތިސާދަށް، އިޔާދަ ނުކުރެވޭވަރުގެ ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.