ނަމާދަކީ ތިބާއާއި، ތިބާގެ ވެރި އިލާހު ގުޅުވައިދޭ އެންމެ މަތިވެރި އަޅުކަމެވެ.
ޝަހާދަތުގެ ދެކަލިމަ ކިޔައި، މުސްލިމަކަށް ވާ ހިނދު، އެމީހެއްގެ މައްޗަށް ދެން އަންނަ އެންމެ މުހިންމު ކަމަކީވެސް، ކޮންމެ ދުވަހަކު ފަރުޟު ފަސް ނަމާދު ކުރުމެވެ. ނަމާދު އަޅައިފި މީހާ ދީނުގެ ތަނބު މުގުރާލި ފަދައެވެ.
ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ އަޅުކަމުގެ ތަފާތު ވައްތަރުތަކުން ޒީނަތްތެރިވެފައިވާ ބަގީޗާއެކެވެ. މި މާތް އަޅުކަމަކީ ކުށްފާފައިގެ ކައްފާރައެކެވެ.
ގޭ ދޮރުމަތީގައި އޮންނަ ފެންގަނޑަކުން ރެއަކާއި ދުވާލު ފަސްފަހަރު ހިނައި ޠޯހިރުވުމުން މީހާގެ ހަށިގަނޑު ސާފުވާފަދައިން ނަމާދުގެ ސަބަބުން ފާފަތަކުން މީހާ ތާހިރުވެއެވެ.
ނަމާދަކީ ޤިޔާމަތްދުވަހު ފުރަތަމަ އެއާމެދު ސުވާލުކުރެވޭނެ އަޅުކަމެވެ. މީހާގެ ކާމިޔާބާއި ނާކާމިޔާބު ގުޅިފައިވަނީ ނަމާދާއެވެ.
އެހެންކަމުން މި އަޅުކަމާއިމެދު ފަރުވާ ކުޑަ ނުކުރުމަކީ ވަަރަށް މުހިންމު ކަމެކެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދޭނީ އޭރުންނެވެ.
ނަމާދު އަޅާމީހުން ޤިޔާމަތްދުވަހު އެންމެހައި މީސްތަކުންގެ ކުރިމަތީގައި ފަޟީޙަތް ކުރެވޭނެއެވެ. މުއުމިނު އަޅުތަކުން ސަޖިދައަށް ތިރިވާހިނދު އެބައިމީހުންގެ ބުރަކަށިތައް އެދުވަހުން ނުލެބޭނެތެވެ. އެއީ ދުނިޔޭގައި އެސަޖިދަކުރުމަށް ނަމާދަށް ގޮވާލެވުނުހިނދު އެބައިމީހުން ފުރަގަސް ދިންކަމަށް ޓަކައެވެ.