މެސީގެ ލޯބީގެ ވާހަކަ: ކައިވެނި ކުރީ އެންމެ ނުވަ އަހަރުގައި ގަޔާވި ކުއްޖާއާ

ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކަށް، އަދި އެކުޅިވަރު މާބޮޑު ސަމާލުކަމެއް ނުދޭ މީހުންނަސްވެސް، އާޖެންޓީނާގެ ތަރި، ލިޔޮނަލް މެސީގެ ނަަމަކީ އާ ނަމަކަށް ނުވާނެކަން ޔަގީނެވެ.

މެެސީއަށް މަރުދޭ އެތައް ބަޔަކު ތިބިއިރު، އޭނާއަށް ތާއީދު ނުކުރާ ގިނަ މީހުންވެސް އޭނާގެ ހުނަރުވެރިކަމަށް ތައުރީފު ކުރެއެވެ.

މިފަހަރު ކިޔައިދޭން މިއުޅެނީ މެސީ ދަނޑުމަތީގައި އެދައްކާލާ ހުނަރުގެ ވާހަކައެއް ނޫނެވެ. މެެސީގެ ލޯބީގެ ވާހަކައެވެ. މެސީއާއި އޭނާގެ އަންހެނުން އެންޓެނެލާ ރުކޫޒާގެ ލޯބީގެ ވާހަކަ ފިލްމެއް ހަދަންވެސް ރަނގަޅުވާނެކަން ޔަގީނެވެ. ފްލޮޕަކަށް ނުވާނެއެވެ.

އެދެމީހުން ދިމާވިއިރު، މެެސީގެ އުމުރަކީ އެންމެ 9 އަަހަރެވެ. އަދި އެންޓެނެލާއަށް އޭރު 8 އަހަރެވެ. އޭރު ކުޑަކުދީންކަމުގައިވި އެ ދެކުދިން ދިމާވި މެސީ އޭނާގެ ރައްޓެއްސެއްގެ ގޭގައި ގޭމް ކުޅެން ހުއްޓާ، އެގެއިންނެވެ. އެންޓެނެލާއަކީ މެެސީގެ ރަހްމަތްތެރިޔާގެ ކަޒިންއެކެވެ.

އެދެކުދިންގެ މެދުގައި އޭރު ރަހްމަތްތެރިކަން އުފެދުނުއިރުވެސް، މެސީއަށް އެންޓެނެލާ ވަރަށް ކަމުދިޔައެވެ. ތިޔައީ މުސްތަގްބަލުގައި ތިމަންގެ "ގާލްފްރެންޑް"އަށް ވާނެ ކުއްޖާ ކަމަށްވެސް މެސީ އެންޓެނެލާ ކައިރީގައި ބުނި ކަަމަށް ވެއެެވެ.

ކަންދިމާކުރި ގޮތުން މެސީއާއި އެންޓެނެލާއަށް ރައްޓެހީންގެ ގޮތުގައި މާގިނަ ދުވަަހަކު ދެމިއެއް ނުހުރެވުނެވެ. އެއީ 2000 ވަނަ އަހަރުގައި، މެސީގެ ބައްޕަ ޖޯޖް މެސީ، އާއިލާއާއިއެކު ބާސެލޯނާއަށް ދިރިއުޅުން ބަދަލު ކުރުމަށް ނިންމި ހިސާބުންނެވެ.

އެޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން މާބޮޑަށް ކުރިއަރާފައިނުވާ ޒަމާނަކަށްވާތީ، ގުޅުން ބަދަހި ކުރަން ބޭނުންވިޔަސް، މެސީއާއި އެންޓެނެލާއަށް އެކަން ކުރަންވީ ދަތި ކަމަކަށެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، 2005 ވަނަ އަހަރުގައި އެންޓެނެލާގެ ވަރަށް ގާތް ރަހްމަތްތެރިޔަކު އެކްސިޑެންޓްވެ މި ދުނިޔެ ދޫކުރިއެވެ. މިކަންވީ އޭރު އުމުރުން އެންމެ 17 އަހަރުގެ އެންޓެނެލާއަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ކަމަކަށެވެ.

މި ޚަބަރު ލިބުމާއިއެކު މެސީ އާޖެންޓީނާއަށް ގޮސް، އެންޓެނެލާއަށް ލިބިފައިވާ މާޔޫސްކަން ފިލުވައިިދިނުމަށް މަސައްކަތް ކުރިއެެވެ. އެދެމީހުންގެ މެދުގައި އޮތް ގުޅުން ބަދަހިވި ހިސާބަކީ މިއީއެވެ. އެހެންނަމަވެސް އެގުޅުން އެެހެން މީހުންނަށް ހާމައެއް ނުކުރެއެވެ.

މެސީއާއި އެންޓެނެލާއާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދިގެން ދިޔައީ މެސީގެ އުމުރުން 21 އަަހަރުގައެވެ. އެންޓެނެލާގެ ގާތް ރަހްމަތްތެރިޔަކު ބުނިގޮތުގައި، އެދެމީހުން ރައްޓެހިވެގެން އުޅޭކަން އޭނާ ކައިރީގައި ބުނީ 2007 ވަނަ އަހަރުއެވެ.
 

ކުޑައިރުންސުރެ އެކަކު އަނެކަކާއި ދޭތެރޭގައި ޚާއްސަ ކަމެއް ބެހެއްޓި މެސީއާއި އެންޓެނެލާގެ ގުޅުން އާންމުންނަށް އެނގުނީ 2009 ވަނަ އަހަރު މީޑިއާއަށް ދިން އިންޓަރވިޔުއެއްގައި މެސީ އެވާހަކަ ހިއްސާ ކުރުމުންނެވެ.