ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމުން ޣައްސާންގެ ޝުކުރު ސަރުކާރަށް

މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެއަށް ބަދަލު ކޮށްދިނީތީ، ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ޕީޕީއެމްގެ ނާއިބު ރައީސް، އަދި ރައީސް ޔާމީންއަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މައުމޫން ޝުކުރު އަދާކުރައްވައިފިއެވެ.

ޣައްސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުމަށް 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ކުރި ހުކުމަކީ، ނުހައްގު ޖަލު ހުކުމެއް ކަމަށެެވެ.

"އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު، ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިވުމެއް ނެތި، ޕީޕީއެމް ސާބިތުވެ އޮންނާނެ، އިންޝާﷲ" ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީން މިރޭ ގެއަށް ބަދަލު ކޮށްފައިވާއިރު، ގެއަށްވަދެވަޑައިގަންނަވަމުން، އެމަނިކުފާނު ވަނީ، އެވަގުތު އެސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުންނަށް ހަނާ އަޅުއްވާލައްވާފައެވެ.

500އަށްވުރެ ގިނަ ދުވަސް ފަހުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވާއިރު، އެމަނިކުފާނު ގެއަށް ބަދަލު ކުރީ އެއްމަސް ދުވަހަށް ކަމަށް މައުލޫމާތު ލިބެއެވެ.