އިންޑިއާގެ ގުޖުރާތުގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 18 މީހަކު މަރުވެއްޖެއެެވެ.
ހަތަރު ފަންގިފިލާގެ މި ހޮސްޕިޓަލުގެ ކޯވިޑް ވޯޑުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ހާދިސާގައި މަރުވި މީހުންގެ އިތުރުން، ކޯވިޑް ވޯޑުގައި 50 ޕޭޝަންޓުން ފަރުވާ ހޯދަމުން ދިޔަ ކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނެއެވެ. އެމީހުން ސަލާމަތް ކުރީ، ފަޔަރ ފައިޓަރުންނާއި، އެ ސަރަހައްދުގައި އެވަގުތު ތިބި އާންމު ރައްޔިތުން ގުޅިގެންނެވެ.
އަލިފާނުގެ ހާދިސާ ހިނގުމުން، ހޮސްޕިޓަލުގެ ތެރެއިން މަރުވީ 12 މީހުންނެވެ. ދެން ތިބި މީހުން މަރުވެފައިވަނީ ސަލާމަތްކޮށްގެން، އެހެން ހޮސްޕިޓަލުތަކަށް ގެންދިޔުމުގެ ތެރޭގައެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.