ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ޔުނިޓަކީ، ހަމައެކަނި ކަންކަން ބެލުމުގައި ނަމެއްގައި އޮންނަ ޔުނިޓަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ އަމަލުތަކާ ދެކޮޅަށް އަޑު އުފުލުމަށް "ރައިސް އަޕް މޫވްމަންޓް"އިން ރޭ ވަނީ ރަސްފަންނުގައި މުޒާހަރާކޮށްފައެވެ.
މަދު ބަޔަކު ބައިވެރިވި މި މުޒާހަރާގެ ބައެއް ބައިވެރީންނާއިމެދު ބައެއް ފުލުހުން އަނިޔާވެރިކޮށް އަމަލު ކުރިކަމުގެ ތުހުމަތު ކުރެވެއެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މުއައްސަސާ "ރިފޯމް" ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެއްވުން ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކުރީގެ ޕީޖީ މުހުތާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ޔުނިޓަކީ، ހަމައެކަނި ކަންކަން ބެލުމުގެ ނަމެއްގައި އޮންނަ ޔުނިޓަކަށް ވެގެން ނުވާނެ ކަމަށާއި، ލާއިންސާނީ އަމަލުތަކާއި، އަނިޔާ ހުއްޓުވުމަށް ދުރާލައި ރޭވުންތަކެއް ރާވަން ޖެހޭ ކަމަށެވެ.
ރޭ ރަސްފަންނުގައި ބޭއްވި އެއްވުމުގެ ބައިވެރީން ވަނީ ޖިންސީ ފުރައްސާރަ ކުރާ މީހުންނަށް ހައްޤު އަދަބު ދިނުމުގައި ދައުލަތުގެ ޒިންމާ އަދާ ކުރުމަށާއި، އެފަދަ މީހުންނަށް ހިމާޔަތް ނުދީ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފައެވެ.
ފޮޓޯ: ސަންއޮންލައިން