މުޒާހަރާގެ ބައިވެރީންނަށް އަނިޔާވި މައްސަލަ ފުލުހުން ބަލަން ފަށައިފި

ރޭގެ މުޒާހަރާގައި ބައެއް ފުލުހުން ބާރުގެ ބޭނުން ކުރިގޮތް، ޚާއްސަ އިސްކަމެއް ދީގެން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެެވެ.

ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި މިހެން ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުމަށް، ރަސްފަންނުގައި ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން އަމަލު ކުރި ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

ފުލުހުން ބުނީ ޕްރޮފެޝަނަލް ސްޓެންޑަޑް ކޮމާންޑުންނާއި، ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލަން ފަށާފައިވާ ކަމަށެވެ.

"މި މައްސަލައިގެ އިތުރު ތަފްސީލު، މައްސަލަ ކުރިއަށް ދިޔަވަރަކުން ހިއްސާ ކުރާނެ ވާހަކަ ދަންނަވަން" ފުލުހުން ކުރި ޓްވީޓުގައިވެއެވެ.

ފަހަކަށް އައިސް، އެއްވުންތައް ރޫޅާލުމުގައި، ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާކަމުގެ ޝަކުވާ ބޮޑެވެ. ރޭގެ އެެއްވުމަކީ ސިޔާސީ ފަރާތަކުން އިންތިޒާމްކުރި އެއްވުމަކަށް ނުވާއިރު، ފުލުހުން އަމަލު ކުރި ގޮތަށް، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.