ސޯޅަހާހަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވައިދީފައިވާނެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މަސައްކަތްތެރީންގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ. ރައީސް ވިދާޅުވީ މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ޙައްލުކޮށް، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަދި މިގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން ފަދަ ޤާނޫނަށް ގެންނެވި މުހިންމު ބަދަލުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވައިލެއްވިއެވެެ.
ރައީސް ސޯލިހުގެ ހިތާބުގައި ވަނީ ޤައުމުގެ ތަރައްޤީއަށް މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އެގޮތުން ކޮންމެ ޤައުމެއްގައިވެސް، މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ތަމައްދުންގެ ރީތި ކުލަތަކުން މުޖްތަމަޢު ޒީނަތްތެރިވެ، ނަމޫނާ ޙަޟާރަތެއް ބިނާވެގެން ދަނީ، އެމުޖްތަމަޢެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުންކަމަށާއި، ޢިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީ ވެސް، އެމުޖްތަމަޢެއްގެ މަސައްކަތްތެރިންކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ
ރައީސްގެ ޚިޠާބުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށާއި މަސައްކަތްތެރީންނަށް، އަދި އެމީހުންގެ ޢާއިލާތަކަށް މަރުޙަބާ އާއި ތަހުނިޔާފޮނުވާފައެވެ.