ޒިންމާދާރުކަމާއިއެކު ހަބަރު ފެތުރުމަށް މީޑިއާ ކައުންސިލުން އެދިއްޖެ

ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.

އެމްއެމްސީއިން މިފަދަ އިލްތިމާސްއެއް ކޮށްފައިވާއިރު، އުުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ދެލި ކޮޕީއެއް ކަމަށް ބުނެވޭ ލިޔުންތަކެއް ދައުރުވެ، ގިނަ ނޫސްތަކުން އެ ލިޔުމުގައިވާ ކަންކަމާއި ގުޅޭ ހަބަރުތައް ދަނީ ގެނެސްދެމުންނެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި ގުޅިފައިވާ މުހިންމު މައްސަލައެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެމްއެމްސީއިން ނެރުނު ބަޔާނެއްގައި ވަނީ ގައުމީ ސަލާމަތާއި، ގައުމުގެ ސިޔާދަތާއި ގުޅުންހުރި ހަބަރުތައް ގެނެސްދޭއިރު، މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ކުރުމާއިއެކު، ހަބަރުގެ ތެދުކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށް ނޫސްވެރިންނަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓައި، ނުފޫޒުން އެއްކިބާވެ ހުރެ ހަބަރު ފެތުރުމަށްވެސް އެމްއެމްސީއިން ވަނީ އެދިފައެވެ. 

މީގެ އިތުރުން، މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހުގައި ނޫނީ މައުލޫމާތު ފެތުރުމަކީ މީޑިއާ ކައުންސިލުގެ ގާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާއިވެސް ހިލާފު ކަމެއް ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ. 

އިންޑިއާ ސަރުކާރާއެކު ހެދި އުތުރު ތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓް އެއްބަސްވުން ލީކުކޮށްލީ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ. އުމަރު ވިދާޅުވެފައިވަނީ އެ އެއްބަސްވުމަކީ ފޭކެއް ނޫން ކަމަށެވެ. އެއީ އިންޑިއާއިން ރާއްޖެއަށް ފޮނުވި އެއްބަސްވުން ކަމަށާއި، އެއްބަސްވުމަށް ބަދަލެއް ގެނެސްފައިވާކަން އިނގޭނީ ސަރުކާރަށް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.