މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާ ނުލާނެ: ރައީސް ނަޝީދު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުއްޓާނުލާނެ ކަމަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

މަސައްކަތްތެރީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ.

މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މީގެ އަށް މަސް ދުވަސް ކުރީން ފާސްކޮށްފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަސައްކަތްތެރީންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުން ލިބެންޖެހޭ ސާވިސް ޗާޖު ކަށަވަރު ކޮށްދީފައިވާއިރު، މިނިމަމް ވޭޖުވެސް ކަނޑައެޅުން ހުއްޓާ ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެެވެ. 

 

ފޮޓޯ: ޕީއެސްއެމް ނިއުސް