ނިހާދު އެމްޑީޕީއަށް: އަހަރުމެން ހަލާކުވެ މިދަނީ އަމިއްލައަށް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ހަލާކުވެދަނީ އަމިއްލައަށް ކަމަށާއި، މިކަމަށްޓަކައި އިދިިކޮޅެއް ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވެފައިވަނީ، އެކި ކަންކަމުގައި އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

ބައެއް ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި، އެމްޑީޕީގެ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި، ވަރަށް ބޮޑު ކޯޅުމެއް އުފެދިފައިވާ ކަމަށް މައުލޫމާތު ލިބެއެެވެ.

އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ކަންކަމަށް ބަލާއިރު، އެކި ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަން މިކަމާއި ދެކޮޅަށެވެ. މިކަމުގެ ދިފާއުގައި ވާހަކަ ދައްކަނީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

ރައީސް ނަޝީދު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އެވާހަކަ ރައީސް ސޯލިހުއާއި މެސެޖަކުން ވަނީ ހިއްސާ ކުރައްވައިފައެވެ. މިއީވެސް، އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިގެން ދިޔުމަށް މެދުވެރިވި ކަމެކެވެ.