ސްކޫލްތަކާއި ޕާކުތައް ބަންދުކޮށް އިތުރު ފިޔަވަޅުތަކެއް

ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"އަސުރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި، މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ. މިފިޔަވަޅުތައް، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލާނެ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

މީގެ އިތުުރުން، ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ޚިދުމަތްތައް އޮންލައިންކޮށް ދިނުންވެސް ހިމެނެއެވެ. އަދި ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކުޅިވަރު މުބާރާތްތައް މެދުކަނޑާލުމަށްވެސް ވަނީ ނިންމާފައެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތައް ރަސްމީކޮށް މިރޭ އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. މިރޭ 10:00ގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޯވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާއިރު، ފަހަކަށް އައިސް ރެކޯޑް މިންވަރަކަށް ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ.