ނޫސްވެރިންނަށް އަނިޔާ ކުރުން ހުއްޓާލުމަށް، ޕީޕީއެމްގެ ޓިކެޓުގައި، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި މުޙައްމަދު ލަތީފު (ލަތީބެ) ގޮވާލައްވައިފިއެވެ.
މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ލަތީފު ކުރެއްވި ޓްވީޓެއްގައި ވަނީ ނޫސްވެރިިކަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
" ނޫސްވެރިންނަށް މިނިވަންކަން ދޭނެ ކަމަށާއި ނޫސްވެރިންނަށް އަނިޔާ ނުކުރާނެ ކަމަށް ވައުދުވެގެން އައި ސަރުކާރުން މިހާރު ދަނީ ނޫސްވެރިންނަށް ހުރަސް އަޅާ އަނިޔާކުރަމުން. ނޫސްވެރިންނަށް އަނިޔާކުރުން ހުއްޓާލާ" ލަތީފު ވިދާޅުވިއެވެ.
ލަތީފު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ވާދަވެރިންގެ އެއްވުންތަކާއި، މިނޫންވެސް މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބޭ ކަމުގެ ޝަކުވާ ބޮޑެވެ. އެގޮތުން މޭޑޭގައި، މަސައްކަތްތެރިން ޖިންސީ ފުރައްސާރައިން ސަލާމަތް ކުރުމަށް ގޮވާލައި ޒުވާނުންތަކެއް ކުރި އިހްތިޖާޖުގެ ބައެއް ބައިވެރީންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބިފައިވެއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މި މައްސަލަ ބަލަން ފަށާފައިވާކަމަށް ވިދާޅުވެފައެެވެ.