އިމްތިހާން ކަރުދާސް ލީކުވުމާއި ގުޅިގެން އޭލެވެލް އިމްތިހާން ކެންސަލްކޮށްފި

އިމްތިހާނު ކަރުދާސްތައް ލީކުވުމާއި ގުޅިގެން ރާއްޖެއިން މިއަހަރު އޭލެވެލް އިމްތިހާނު ކެންސަލް ކުރަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތް އަލީ ވިދާޅުވީ، އިމްތިހާނުގެ ކަރުދާސް ލީކުވުމާއި ގުޅިގެން މިހާރު އިމްތިހާނުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދިފައި ވާކަމަށެވެ.

އެގޮތުން މިހާތަނަށް ބެލިބެލުމުން 3 ޕޭޕަރެއް ލީކު ވެފައިވާކަން ޔަގީންކުރެވިފައިވާ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، އެންމެ ފުރަތަމަ ކަރުދާސް ލީކުވިކަން އެނގުނީ، މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށެވެ.

އެކަން ވަގުތުން، އެޑެކްސެލް އާއި އެކު ބައްދަލުކޮށް މަޝްވަރާ ކުރެވުނު ކަމަށާއި، ލީކުވީ ސައްހަ ކަރުދާސް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނަށް ދެގޮތެއް ހުށަހަޅައިފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް ގޮތަކީ، އޭޕްރީލް/މެއި ގައި އިމްތިހާނު ހަދައި ކިޔަވަން ނިންމާލަން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު ދިނުމެވެ. އެފުރުސަތު ދިނުމަށްޓަކައި ދަރިވަރުންނަށް އޮތް އޮޕްޝަނަކީ ޓީޗާ ބޭސްޑް އެސެސްމެންޓަކަށް ދިޔުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އަދި ދެވަނަ ގޮތަކީ، މިހާރު ޓެސްޓު ހަދަމުން އަންނަ ކުދިން އަންނަ އޮކްޓޯބަރު ނޮވެމްބަރު މަހަށް ޓެސްޓް ހެދުން ފަސްކުރުން ކަމަށްވެސް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.

 

ފޮޓޯ: އަވަސް.އެމްވީ