ހޮސްޕިޓަލުތައް ފުރި ދެކެން ބޭނުންނުވާ ދުވަހެއް ދެކެން ޖެހިދާނެ: މަބްރޫކް

ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ގޮސް، ރާއްޖޭގެ ހޮސްޕިޓަލުތައް ފުރޭ ހާލަތަކަށް ގޮސްފާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުގެ ގޮތުގައި ރައްޔިތުންނަށް ގިނަ މައުލޫމާތުތަކެއް ދެއްވަމުން ގެންދެވި މަބްރޫކް ވަނީ މިރޭ ވަނީ ދުވަސްތަކަކަށްފަހު، ކޯވިޑާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މަބްރޫކް ވަނީ ކޯވިޑްގެ އަދަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެގޮތުން ބަލި ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދުތައް އިތުރުވެ، ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވިއެެވެ.

"މާލެ ސަރަހައްދުގައި އިއްޔެ އަޅުގަނޑުމެންނަށް ލިބުނު ނަމްބަރަކީ 276 ޕޮޒިޓިވް ކޭސް. އޭގެ އެއްދުވަސް ފަހުން 397 މީހަކު ޕޮޒިޓިވް ވެއްޖެ. ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރާ މީހުން އިތުރުވެއްޖެ. މިކަމުގެ ސަބަބުން އަޅުގަނޑުމެން ދެކެން ބޭނުން ނުވި ދުވަހެއް އަޅުގަނޑުމެންގެ ކުރިމައްޗަށް އައިސްދާނެ" މަބްރޫކް ވިދާޅުވިއެެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އިތުރު އަށް ފިޔަވަޅެއް، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއުލާނުކޮށްފައެވެ. މި ފިޔަަޅުތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ 10 ދުވަހަށެވެ. އެއީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އަޅަން ނިންމި ފިޔަވަޅުތަކަށް ބަލާއިރު، ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔެވުމަށް ބަދަލު ކުރަން ނިންމާފައިވެއެވެ. މަބްރޫކް ވިދާޅުވީ، ސްކޫލްތައް ބަންދު ކުރިނަމަވެސް، މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާން ކުރިއަށްދާނެ ކަމަށެވެ.

އަދި ސަރުކާރުގެ ހުރިހާ އޮފީސްތައް ބަންދުކޮށް، އޮންލައިންކޮށް މަސައްކަތް ކުރުމަށް ވަނީ ނިންމައިފައެވެ.

މިސްކިތްތަކުގައި މާސްކު އަޅައިގެން ނަމާދުކޮށް، ގައިދުރު ކުރުމަށް އަންގާފައިވާއިރު، އަމިއްލަ މުސައްލަ ގެންދިޔުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން، މާލެއިން ރަށްރަށް ދަތުރު ކުރާނަމަ، 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭގޮތަށްވެސް ވަނީ އުސޫލެއް އެކުލަވާލައިފިއެވެ. ވެކްސިންގެ ދެ ޑޯޒް ޖެހުމުން ދީފައިވާ ލުއިތައް ދިނުންވެސް، މި 10 ދުވަހުގެ މުއްދަތަށް މެދު ކަނޑާލާފައިވާކަންވެސް މަބްރޫކް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، އިންޑިއާއިން މާލެ ދަތުރު ކުރާއިރު، 14 ދުވަސް ކަރަންޓީނުވެ، ނެގެޓިވް ޕީސީއާރް ޓެސްޓެއްވެސް ހޯދަން ޖެހޭނެއެވެ.