އަޒްކާ އެންމެ އުފާވަނީ އޭނާގެ ޕޭޝަންޓުން ހެއްވާލެވުމުން

ކޯވިޑް-19ގެ މި ޕެންޑެމިކްގައި އެންމެ ބޮޑު ބުރައެއް އުފުލައި، ރައްޔިތުންނަށްޓަކައި ރެއާ ދުވާލު ގުރުބާންވަމުންދަނީ ސިއްހީ ހިދުމަތްތެރީން ކަމީ ދެބަސްވެެވެން ނެތް ހަގީގަތެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ އައިޝަތު އަޒްކާ ޝަރީފަކީވެސް މިފަދަ ހިދުމަތްތެރިއެކެވެ.
 

އޭނާ އަކީ ޕޭޝަންޓުންނަށް އޯގާތެރި، ހިތްހެޔޮ ނަރުކެވެ. އަޒްކާގެ ޕޭޝަންޓުންނަށް އުފާވެރިކަން ގެނެސްދީ، ބަލި މަތިން ހަނދާން ނައްތާލައި، ހިތްހަމަޖެހުން ގެނެސްދިނުމަކީ އޭނާއަށް ލިބޭ އުފަލެކެވެ.
 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ވީޑިއޯއެއްގައި އަޒްކާ ބުނީ، ކޯވިޑަށްފަހު ހިދުމަތްދޭން ހުޅުމާލެ ކޯވިޑް ފެސިލިޓީއަށް ނުކުތް އެންމެ ފުރަތަމަ ދުވަހުވެސް އޭނާއަށް 16 ޕޭޝަންޓުންނާއި ހަވާލުވާން ޖެހުނު ކަމަށެވެ.
 

އެއްފަހަރަކު އަޒްކާއަށް ހިދުމަތްދޭން ޖެހުނީ ކޯވިޑް ޖެހުނު އުމުރުން ދުވަސްވީ ދެމަފިރިންނަށެވެ. އެދެމަފިރިންގެ ތެރެއިން، ފިރިހެން މީހާ ވަރަށް ބޮޑަށް ބަލިވެގެން، އެދެމީހުންގެ ހާސްކަން ފިލުވައިދިނުމަށް ކުރި މަސައްކަތް އަޒްކާ ވަނީ ހިއްސާކޮށްފައެވެ.
 

"މިކޮޅުގައި އުޅެމުން އެ ބޭބެ ވަރަށް ބަލިކޮށް އުޅުނީ، އެހާބޮޑަށް ބަލިވީމައި، އެކަމާ ދޭތެރޭ ނުވިސްނާ ގޮތެއް ހަދަންވެގެން، އެރޭ ވަރަށް ގިނައިން ތާސްކުޅެ، ކެރަމް ކުޅެ، ފްރީ ވަގުތުތަކުގައި އެހެން އުޅެން ފެށީ" އަޒްކާ ކިޔައިދިނެވެ.
 

އޭނާގެވެސް އެހީތެރިކަމާއެކު އެދެމަފިރިންނަށް ކޯވިޑުން ޝިފާ ލިބި، ސަލާމަތުން އާއިލާ ކައިރިއަށް ދެވުނު ފަހުންވެސް އަޒްކާއަށް ގުޅައި ގުޅުން ބާއްވައެވެ. އޭނާގެ އޯގާތެރިކަން އެދެމަފިރިންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ.
 

މިކަމުންވެސް އެނގެނީ މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ މި ހާލަތުގައި ސިއްހީ ހިދުމަތްތެރިން ވަމުންދާ ގުރުބާނީއާއި، ކޮށްދެމުން އަންނަ ހިދުމަތުގެ އަގު ބޮޑު ކަމެވެ. އެ މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ.