ދަންވަރުގެ ވަގުތެއްގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަޤާމުން ވަކި ކުރުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިޔާ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް)ގެ ސްލޮޓެއްގައި ވަޒީރަކަށް ހުންނެވި ޒަހާ މަގާމުން ވަކި ކުރެއްވިކަން އެކަމަނާއަށް އެންގެވީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު އެކަމަނާއަށް ފޯނުން ގުޅުއްވައިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހާ ދެން އައްޔަން ކުރެވިގެންދާނީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމަށެވެ.
ރޭގަނޑު ދަންވެފައިވަނިކޮށް ޒަހާ މަގާމުން ވަކިކުރިކަން އެކަމަނާއަށް އެންގުމުން، ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އެގޮތުން، ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަންވަރު އޮފީސް ހުޅުވައިގެން ސަރުކާރު ހިންގާތީ މަލާމާތްކުރި މީހުންނަށް ވެރިކަން ލިބުނީމާ ޙާލަތު އަދި މާގޯސް ކަމަށެވެ.
"ފުރަދަންވަރު ރައީސް ސޯލިހު އިސްތިއުފާ ނުދެއްވައިފިއްޔާ ކަލާކޯއެވެ" ލަތީފުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޒަހާ މަގާމުން ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނިކޮށެވެ.
އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުން، މިހާތަނަށް މަގާމުން ވަކި ކުރި ވަޒީރުންނަކީ، ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ކަމަށްވާތީ، މިއީ ވެރިކަން ކުރާ ކޯލިޝަން ރޫޅިފައިވާކަން އަންގައިދޭ ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.