ރާއްޖެ މިއޮތީ އިންޑިއާ އޮތްފަދަ ހާލަތެއްގައި: އެޗްއީއޯސީ

ދިވެހިރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅައި، އެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީފިނަަމަ، ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ހާލަތު ގޯސްވެގެން ހިނގައިދާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓް، ފާތިމަތު މުފްލިހާ ވިދާޅުވީ، ރާއްޖޭގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި، މީގެ ދެހަފްތާ ކުރިން، ބަލި ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރި މީހުންގެ އަދަދު 60ގައި ހުރިއިރު، އެ އަދަދު މިހާރު ތިން ގުނަ އިތުރުވެފައިވާ ކަމަށެެވެ.

މިގޮތަށް ހާލަތު ގޯސްވަމުންދާނަމަ، އިންސާނީ ވަސީލަތްތައް މަދުވެ، ސިއްހީ ނިޒާމަށް ބޮޑު ބުރައަކަށް ވެގެން ދިޔުމުގެ ބިރު އެބައޮތް ކަމަށްވެސް ޑރ.މުފްލިހާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިންޑިއާއިން (ހާލަތު)ފެންނަ ގޮތަށް ބަލާއިރު، ހަމަ އެހާލަތުގައި މިއޮތީ. އަޅުގަނޑުމެން އެއްވެސް ބޭފުޅަކު އެހާލަތަށް ދިޔުމަށް ނޭދޭނެކަންވެސް ޤަބޫލުކުރަން" ޑރ.މުފްލިހާ ވިދާޅުވިއެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޯވިޑަށް ފަރުވާ ދޭން ހުންނަ އައިސީޔޫ އެނދުތަކުގެވެސް 50 އިންސައްތަ ފުރިފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު، 585 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

މިއީ ރެކޯޑް އަދަދެކެވެ. ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން މާލެ ސަރަހައްދުގައި ވަނީ 10 ދުވަހުގެ މުއްދަތަކަށް ކާފިޔު އިއުލާނުކުރަން ނިންމައި، ސަރުކާރު އޮފީސްތައްވެސް ބަންދު ކުރުމަށް ނިންމައިފައެެވެ.