ގައިދުރުކޮށްގެން ނަމާދު ކުރަން އެންގިޔަސް ތަބާވާކަށް ނުޖެހޭ: ޑރ.އިޔާޒު

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު، ގައިދުރުކަން ބަހައްޓަން އަނެއްކާވެސް އެންގުމާއެކު، ދީނީ އިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ލަތީފު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޑރ.އިޔާޒު މީގެ ކުރިންވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ކޯވިޑް ކޮންޓްރޯލް ކުރުމުގެ ނަމުގައި ވިޔަސް، މާތްﷲއާއި، އެކަނލާގެ ރަސޫލާ(ސ.އ.ވ)ގެ އެންގެވުމަކާއި ޚިލާފަށް އަމަލު ނުކުރެވޭނެ ކަމަށެވެ.

"އަދި އެފަދަ އަމުރަކަޑް ކިޔަމަންތެރިވާކަށްވެސް ނުޖެހޭނެ. އެފަދަ އަމުރަކަށް ކިޔަމަންތެރިވުމަކީ ފާފައެއް" ޑރ.އިޔާޒު ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދިވެހިރާއްޖެއިން 585 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ އިންޑިއާގައިވެސް އޮތް ފަދަ ގޯސް ހާލަތެއް ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)އިން ވަނީ ބުނެފައެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި 8 ފިޔަވަޅެއް އަޅާފައިވާއިރު، އޭގެތެރޭގައި މިސްކިތުގައި ނަމާދު ކުރާއިރު މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި އަމިއްލަ މުސައްލަ ގެންދިޔުމަށްވެސް އެޗްއީއޯސީއިން އިލްތިމާސް ކުރެއެވެ.