ރަމަޟާންމަހުގެ މާތް މައްސަރުގައި ރޯދައަށް ހުރުމުގެ އިތުރުންވެސް މާތްﷲ ސުބްހާނަހޫ ވަތައާލާ އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އެންމެހާ ކަންކަމަށް ފަރުވާތެރިވާން ޖެހެއެވެ.
ރޯދަ ހިފުމަކީ، ހަމައެކަނި ބަނޑުހައިކޮށްގެން ހުރުމެއް ނޫނެވެ. ރޯދައަށް ހުންނައިރު، ފަރުޟު އަޅުކަންތައް އަދާ ކުރުމުގެ އިތުރުން، ސުންނަތް އަޅުކަން ކުރުމަކީވެސް މުހިންމު ކަމަކަށްވާއިރު، ފަރުޟު ކުރެއްވި ކަންކަން ކުރުމަށް ކޮންމެހެންވެސް ސަމާލުކަން ދޭންޖެހެއެވެ.
ކޮންމެ މުސްލިމަކަށްވެސް އެނގޭނެ ފަދައިން، ޝަހާދަތުގެ ދެކަލިމަ ކިޔައި، މުސްލިމެއްގެ ގޮތުގައި ހުންނަ ކޮންމެ މީހެއްގެ މައްޗަށް، ދެން އެންމެ މުހިންމު ކަމަކަށް ވަނީ ނަމާދު ކުރުމެވެ. ނަމާދަކީ ދީނުގެ ތަނބެވެ.
ނަމާދު އަޅައިފި މީހެއްގެ ރޯދަ ކަމުދާނެތޯއެވެ؟
މިސުވާލުގެ ޖަވާބުގައި އިލްމުވެރިން ވިދާޅުވަނީ ނަމާދުނުކޮށް ހިފާ ރޯދައިން، އެއަޅަކަށް ކުރާނެ މަންފާއެއް ނޯންނާނެ ކަަމަށެވެ. އަދި ނަމާދު އަޅާމީހާ ރޯދަ ހިފި ކަމަށްވެސް ނުވާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
ނަމާދު ނުކުރާ މީހެއްގެ މިސާލަކީ ޔަހޫދީއެއް ނުވަތަ ނަސާރާއެއްގެ މިސާލެވެ. ޔަހޫދީއަކު ނުވަތަ ނަސާރާ ދީނަށް ތަބާވާ މީހަކު އެމީހެއްގެ ދީންމަތީގައި ހުރެ ރޯދަ ހިފުމާއިމެދު ތިބާ ދެކެނީ ކިހިނެއްހެއްޔެވެ؟
އެހެންކަމުން ކޮންމެ މުސްލިމަކުވެސް ރޯދައަށްހުރެ މާތްﷲ ފަރުޟު ކުރެއްވި ފަސް ނަމާދަށް ރައްކާތެރިވާން ވާނެއެވެ.