ވަކި ގައުމަކުން މީހުން އައުން ހުއްޓުވަން ޖެހިއްޖެނަމަ އެކަން ކުރަން ތައްޔާރު: މަބްރޫކް

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ނުވާނަމަ، ގައުމަކުން މީހުން އައުން ހުއްޓުވަން ޖެހިއްޖެނަމަ، އެކަން ކުރުމަށްވެސް ސަރުކާރު ތައްޔާރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯވިޑްގެ ކޭސްތައް މަދު ނުކުރެވިއްޖެނަމަ، މާދަންވެސް އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެއެވެ.

"ކޭސްތައް މާބޮޑަށް އިތުރުވާނަމަ، ލޮކްޑައުންއަކަށްވެސް ދާން ޖެހިދާނެ. އެ ޕޮސިބިލިޓީ އެބައޮތް" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަން ޖެހުނަސް، އަދި ގައުމަކުން މީހުން އައުން ހުއްޓުވަން ވިޔަސް އެކަންކަން ކުރަން ޖެހިއްޖެނަމަ، ކުރަން ތައްޔާރު ކަަމަށެވެ.

މަބްރޫކް މިހެން ވިދާޅުވިއިރު، ކޯވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިންޑިއާއިން ރާއްޖެއަށް މީހުން އައުން މެދުކަނޑާލުމަށް ސަރުކާރުން ނިންމާފައިނުވާތީ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މަބްރޫކްގެ ވާހަކައިގައި ވަނީ ރާއްޖޭގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިވަގުތު ހުރި ކޯވިޑް-19 ވެކްސިންގެ ސްޓޮކް މަދުކަން ފާހަގަކުރެއްވި ނަަމަވެސް، ސްޓޮކްގައި ހުރީ ކިހާ މިންވަރެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވިގޮތުގައި ކޯވިޑުން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލު ނުވެވިއްޖެނަމަ، ހޮސްޕިޓަލުތައް ފުރުމުގެ ބިރުވެސް އެބައޮތެވެ.