ބިލް ގޭޓްސްގެ 27 އަހަރުވީ ކައިވެނި ނިމުމަކަށް

ބިލް ގޭޓްސްއާއި އޭނާގެ އަންހެނުން މެލިންޑާގެ 27 އަހަރުގެ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.

ދެމީހުންގެ ދުވަސްވީ ކައިވެނީގެ ގުޅުމަށް ނިމުން ގެންނަން ނިންމިކަން ހާމަކޮށްފައިވަނީ، ރޭ އެ ދެމީހުންގެ ނަމުގައި ކޮށްފައިވާ ޓުވީޓެއްގައެވެ.

ބިލްގޭޓްސްއާއި މެލިންޑާގެ ކައިވެންޏަށް ވަނީ ތިން ކުދިން ލިބިފައެވެ. އެއާއިލާއިން ގުޅިގެން އަންނަނީ ބިލްގޭޓްސް ފައުންޑޭޝަން ހިންގަމުންނެވެ.

27 އަހަރުވީ ދިގު ކައިވެންޏަށް ނިމުން ގެނައުމަށް ނިންމާފައިވާކަން ހާމަކޮށް ކުރި ޓްވީޓްގައި ބިލްގޭޓްސްއާއި މެލިންޑާ ބުނެފައި ވަނީ، އެއީ ވަަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. މި ނިންމުން ނިންމަން ޖެހުނީ ދެމީހުންނަށް އެކުގައި ދިރިއުޅެވެން ނެތުމުން ކަމަށްވެސް ބުނެފައިވެއެވެ.

އެދެމީހުންގެ ކައިވެންޏަށް ރަނގަޅު ތިން ދަރިން ލިބިފައިވާކަމަށާއި، މުޅި އާއިލާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް ފައުންޑޭޝަނެއް ކުރިއަށްގެންދާކަން ހާމަކޮށްފައިވެއެެވެ.

ދެމީހުންގެ ކައިވެނި ރޫޅުނުނަމަވެސް، އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށްވެސް ޓްވީޓްގައި ވަނީ ބުނެފައެވެ.

ބިލްގޭޓްސްއާއި މެލިންޑާ ދިމާވެފައިވަނީ 1987 ވަނަ އަހަރުގައެވެ. އޭރު މެލިންޑާ އަކީ މައިކްރޯސޮފްޓްގެ ޕްރޮޑަކްޓް މެނޭޖަރެކެވެ. ބިލް ގޭޓްސްއާއި މެލިންޑާ ކައިވެނި ކުރީ ދިމާވިތާ ހަތް އަހަރު ފަހުންނެވެ.