އެހެން މީހުންގެ “މަސް” ކަންތަ؟ އެއީ ކީއްވެ؟

 

އެހެން މީހުންގެ މުޅަމަސް ކެއުން، ނުވަތަ މީހަކު ނެތްތަނެއްގައި އެމީހެއްގެ ގޯސް ވާހަކަ ދެއްކުމަކީ ވަރަށް ގިނަ މީހުންގެ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ 

އެހެން މީހުންގެ އުނި ސިފަތަކުގެ ވާހަކަ ނުވަތަ "ބެކްބައިޓް" ކުރާ މީހުން އެކަން ކުރާ ސަބަބުތަކެއް ހުރެއެވެ. އޭގެތެރެއިން ބައެއް ސަބަބުތަކަށް ބަލައިލާނަމެވެ

ވަކި މީހަކާއިއެކު ރަހްމަތްތެރިކަން ބޭއްވުން

ތިމާގެ ރައްޓެހީންނަކީ އެހެން މީހުން ނެތްތަނުގައި އެމީހުންގެ ގޯސް ވާހަކަ ދައްކާ މީހެއް ނަމަ، އެމީހުންނާއިއެކު އޮންނަ ގާތްކަން ގެއްލިދާނެތީ، އެމީހުން ދައްކާ އެކި ވާހަކައަށް އެއްބަސްވެވެއެވެ. މިގޮތަށް އެއްބަސްވުމުގެ ތެރޭގައި، އެހެން މީހުންގެ ގޯސްވާހަކަވެސް ދެކެވެއެވެ. މިއީ ސަމާލުވުން މުހިންމު ކަމެކެވެ

މީހަކު ދެކެ އަންނަ ރުޅިގަނޑު ބޭލުން

ތިމާ ނުރުހޭ، ނުވަތަ ގަޔާ ނުވާ މީހެއްގެ ގޯސް ވާހަކަ އެހެން މީހެއްގެ ކައިރީގައި ދައްކާލެވުމަކީ ބައެއް މީހުންނަށް ހިތްހަމަ ޖެހުން ލިބޭ ކަމަކަށް ވަނީ ވެފައެވެ. އެހެންނަމަވެސް، މީހަކާއި ދޭތެރޭގައި އުފެދޭ ނުތަނަވަސްކަން ނައްތާލުމަށް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ތިމާގެ އަޚާގެ މުޅަމަސް ކެއުމަކީ އިސްލާމް ދީން ނަހީ ކުރައްވާފައިވާކަމެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުން ބުއްދިވެރިއެވެ

މާގިނަ ހުސްވަގުތު ލިބުން

އޮފީހުގައި މަސައްކަތެއް ނެތިފައި، މާގިނައިރު ހޭދަވާން ފެށުމުން، އޮފީހުގެ ރައްޓެހިންނާއެކު ދެކެވޭ ވާހަކައިގެ ތެރެއިން، އެހެން މީހުންގެ ވާހަކަ ދެއްކޭހެއްޔެވެ؟ މިއީ ގިނަ މީހުންނަށް ނޭނގިވެސް ކުރެވޭ ކަމެކެވެ. މިސަބަބަށްޓަކައި، މާގިނައިން ބޭކާރު ވާހަކަ ދެއްކުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ

މިދެންނެވި ސަބަބުތަކުގެ އިތުރުންވެސް، އެހެން މީހުންގެ "މަސްކެއުމަށް" ފޯރި ހުންނަ މީހުން އެކަން ކުރާ ސަބަބުތައް ބައިވަރެވެ. ނޭނގިނަމަވެސް މިކަން ކުރެވޭނަމަ، މިއީ ދުރުވާން ޖެހޭ، ގެއްލުންދެނިވި އާދައެކެވެ