ވެންޓިލޭޓަރުތައް ނުލިބި އެންމެފަހުން އެއްބަސްވުން ބާތިލުކޮށްފި

ކޯވިޑް-19 ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއަށް ގެންނާން އުޅުނު 75ވެންޓިލޭޓަރު ގަންނަން ދިވެހި ސަރުކާރާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލު ކޮށްފިއެވެ.

މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު މިދިޔަ އަހަރުގެ އޭޕްރީލްމަހުގައި ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭން ވާނެ ކަމަށް ބަޔާންކޮށްފައި ވާ ކަމަށެވެ.

ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައި ވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ކުންފުންޏަށް"ޓާމިނޭޝަން ނޯޓިސް ފޮނުވާފައި ކަމަށްވެސް ބަޔާނުގައިވެެއެވެ.

އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައި ނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭން ވާނެ ކަމަށާއި އެ ކުންފުނިން ފޯރުކޮށްދީފައި ނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދުބާއީ ކުންފުންޏާއި ހަވާލުކޮށްގެން ރާއްޖެއަށް ގެންނަން އުޅުނު 75 ވެންޓިލޭޓަރަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ ފައިސާ ވަނީ ދައްކާފައެވެ. އެއީ 31 މިލިއަން ރުފިޔާއެވެ. ނަމަވެސް މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެެވެ. ބާކީ ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަޙްްމަދު ނަސީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.