މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެފައިވާކަމަށް ރޭ، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ހާމަކުރައްވައިފައެވެ.
މަބްރޫކް އެހެން ވިދާޅުވެފައިވަނިކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާންމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
އަލުން ޖަހަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.
ކޮވިޝީލްޑަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޖެހި ވެކްސިނެވެ. ދެލަައްކައަށްވުރެ ގިނަ މީހުން އެވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، 12 ހަފްތާ ފުރިހަމަކޮށް، ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް ވަނީ ތައްޔާރުވެފައެވެ.
އެގޮތުން ދެވަނަ ޑޯޒް ޖަހަން ޖެހޭ 20،000 މީހުން ތިބިއިރު، އެމީހުންނަށް ވެކްސިން ޖެހޭނެ ދުވަހެއް މިހާރު ނޭނގެއެވެ.
ކޮވިޝީލްޑް ވެކްސިން ވަަރަށް ބޮޑަށް މަދުވެފައިވާ ކަމަށް މަބްރޫކް ރޭ ވިދާޅުވިނަމަވެސް، ވެކްސިން ހުރީ ކިހާ މިންވަރަަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.