ޒަހާއަށް އުފަންދުވަހު މި ލިބުނީ މާރަނގަޅު ހަދިޔާއެއް ނޫން: ދުންޔާ

މަޤާމުން ވަކި ކުރެވިފައިވާ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް އުފަންދުވަހު ލިބިވަޑައިގެންފައިވަނީ ރަނގަޅު ހަދިޔާއެއް ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ޒަހާ މަޤާމުން ވަކި ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަމަނާ މަގާމުން ވަކި ކުރެއްވިކަން އެންގެވީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުރެއްވި ފޯނު ކޯލަކުންނެވެ. ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކި ކުރެއްވުމަށްފަހު، އެކަމަނާއަށް ރައީސް އޮފީހުން މަޤާމެއް ހަމަޖައްސާނެ ކަމަށް ވާހަކަ ދެކެވެއެވެ.

ޒަހާ މަޤާމުން ވަކި ކުރުމާއި ގުޅިގެން، އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޤާމުގައި ހުންނަވައިގެން ޒަހާ ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޒަހާ ފަދައިން، ހަވާލުވެވަޑައިގެން ހުންނަވާ ދާއިރާއަކުން ތައުލީމް ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅަކު ކެބިނެޓުގައި މަދު ކަމަށްވެސް ދުންޔާ ފާހަގަކުރެއްވިއެެވެ.

މިނިސްޓަރު ޒަހާ މަޤާމުން ވަކިކޮށްފައިވާއިރު، މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ކުރައްވައިފައެވެ. އެގޮތުން، އެމަނިކުފާނުގެ ސަރުކާރުގެ މަސައްކަތްތަކާއިމެދުގައި މަސްވެރިން ތިބީ ހިތްހަމަ ނުޖެހިފައިކަން އަމިއްލަފުޅަށްވެސް ގަބޫލު ކުރެއްވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކެބިނެޓަށް ބައެއް ބަދަލުތައް ގެންނަވާނެ ކަމަށް ބެލެވެއެވެ.