އަވަށްޓެރި އިންޑިއާގައި ކޯވިޑް-19ގެ ހާލަތު ގޯސްވެފައިވާއިރު، ހާއްސަ ހުއްދައެއްގެ ދަށުން އެގައުމުގެ މީހުން ރާއްޖެއަށް އައުމުގެ ފުރުސަތު ދޭތީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފު(ސެމްބެ) ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
ސެމްބެ މިހެން ވިދާޅުވެފައިވަނީ މި މަހު ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާކަން ހާމަކޮށްފައިވަނިކޮށެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މި މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސްއާ އިންޑިއާގެ ބެންގަލޫރު މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް ކޯވިޑްގެ ހާލަތު އެންމެ ގޯސް އެއް ގައުމަށްވާއިރު، އެގައުމުގެ މީހުން ރާއްޖެ އައުން ހުއްޓުވާފައި ނުވުމަކީ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
ސެމްބެ ކުރެއްވި ޓްވީޓުގައި ވަނީ ދިވެހި ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްފަހު، ކޯވިޑްގެ ހާލަތު އެންމެ ގޯސް އެއް ގައުމުގެ ޓީމުތައް ރާއްޖެއަށް ގެންނަނީ ކޮން ބޭނުމެއް ހާސިލު ކުރުމަށްތޯ ސުވާލުކުރައްވާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 601 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ބަލި ފެތުރުން އިތުރުވަމުން އަންނައިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ އެނދުތައްވެސް ގާތްގަނޑަކަށް ވަނީ ފުރިފައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ.