ކޯވިޑް-19އާއިމެދު ރައްޔިތުން އަނެއްކާވެސް "ސީރިއަސް" ވާން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ކޭސްތައް މަދު ނުކުރެވޭނަމަ، ކުރިއަށް އޮތީ ވަަރަށް ދަތި ދުވަސްތަކެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭ ޚަބަރެއް ޓްވިޓަރގައި ހިއްސާކުރައްވައި ރޮޒައިނާ ވިދާޅުވީ މީގެ ކުރިންވެސް ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވުނީ ރައްޔިތުން އެކަމަށް ސަމާލުކަންދީގެން ވަަރަށް ބަލައިގެން އުޅުމުން ކަމަށެވެ.
"މިއަދު މިވަނީ އެކަންކަން ދޫކޮށްލެވިފައި، ކަންފަސޭހަ ކުރެވިފައި. ހޮސްޕިޓަލުގެ އެނދުތައް ފުރެން ފެށުން މިއީ ރަތް ސިގްނަލެއް. އަނެއްކާވެސް ކުރިންހެން ސީރިއަސްވާން ވެއްޖެ" ރޮޒައިނާ ވިދާޅުވިއެވެ.
ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ، ކޯވިޑްގެ ކޭސްތައް މަދު ނުކުރެވިއްޖެނަމަ، ބަލީގެ ހާލަތު އެންމެ ގޯސް އިންޑިއާއާއި ނޭޕާލްފަދަ ގައުމުތަކުން ފެންނަ ހިތާމަވެރި މަންޒަރުތައް ރާއްޖެއިންވެސް ފެނުން އެކަށީގެންވާ ކަމަށެވެ.
ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވަނީ ނިންމައިފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 12:00އިން ފެށިގެން ފަތިހު 4:00އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެެވެ.
އަދި ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތް ހަދައި، މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށައިފައެވެ.