ކޯވިޑް-19 ޖެހިގެން ހާލު ގޯސްވެ، ހަމީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެންމެ ފަހުގެ ތަފާސް ހިސާބުތައް ހިއްސާ ކުރައްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާއިރު، 200 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ހަމީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަން ފާހަގަކުރެއްވިއެވެ.
"ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު އޮތީ ފުލްވެފައި. އެއީ ހަމަ އަޅުގަނޑުމެން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމެއް" މަބްރޫކް ވިދާޅުވިއެވެ.
ހާލުބޮޑުވެގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނޭކަން އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.
ފާއިތުވި 24ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 600 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ބަލީގެ ކޭސްތައް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާއިރު، ވެކްސިން ސްޓޮކް ހުސްވާތީ، މިދުވަސްކޮޅު ވެކްސިން ޖެހުން ވަނީ މެދުކަނޑާލާފައެވެ.
މަބްރޫކް ވިދާޅުވިގޮތުގައި ރާއްޖޭގައި މިހާރު ހުރީ ކޮވިޝީލްޑްގެ 1700 ވެކްސިން ޑޯޒްއެވެ. މިއީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޖެހި ވެކްސިންއެވެ. ސިނޯފާމް ވެކްސިންގެ ހުރީ 137،00 ޑޯޒްކަމަށް މަބްރޫކް ވިދާޅުވިއެވެ. ފައިޒާ ވެކްސިންގެ 4،600 ޑޯޒް އެބަހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޯވިޑުން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ނުކުރެވި، ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ރާއްޖޭގެ ހޮސްޕިޓަލުތައް ފުރި، ސިއްހީ ނިޒާމަށް ނުކަތާ ވަަރަށް ހާލަތު ގޯސްވެދާނެ ކަަމަށް އެޗްއީއޯސީން ބުނެއެވެ.