އިންޑިއާއިން ރާއްޖެއަށް އެހީވަނީ، ވެރިކަމުގައި ތިއްބެވީ ކޮން ބައެއްތޯ ބެލުމެއް ނެތި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފަ އިވަނީ އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ގާއިމު ކޮށްފައިވާ ޕޮލިސް އެކަޑެމީ ހުޅުވުމުގެ ރަސްމިއްުޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެެ.

ރައީސްގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތަކަށް ޓަކައި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ޝުކުރު ދެންނެވިއެވެ.

ރައީސް ޞާލިޙު ވިދާޅުވި ގޮތުގައި، އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ، ވެރިކަން ކުރަނީ ކޮން ސިޔާސީ ޕާޓީއެއްތޯ ބެލުމެއް ނެތި ކަމަށާއި ޕޮލިސް އެކަޑެމީ މަޝްރޫއަކީ އޭގެ ހެއްކެއް ކަމަށެވެ.

”މިއަދު ހުޅުވިގެންދާ ޕޮލިސް އެކަޑެމީއަކީ މި ދެންނެވި ހަގީގަތުގެ އެއް މިސާލު. މި ޕްރޮޖެކްޓް ފެށިގެން މިހިސާބަށް އައި ގޮތަށް ބަލާއިރު، އެ ހަގީގަތް ހާމަވޭ. މި ޕްރޮޖެކްޓްގެ ވާހަކަ ދެ ސަރުކާރުގެ ދެމެދުގައި ދެކެވެން ފެށީ 2009ވަނަ އަހަރު.“ އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އައްޑޫ ޕޮލިސް އެކަޑެމީއަކީ އިންޑިއާ ސަރުކާރުން ދިވެހީންނަށް ވެދިން ދީލަތި އެހީއެއް ކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންދިޔުމުގައި މީގެ ކުރީގެ ސަރުކާރުތަކުން ކުރި މަސައްކަތަށް ވެސް ޝުކުރު ދަންނަވާ ކަމަށެވެ.

އައްޑޫ ޕޮލިސް އެކަޑެމީ އެޅުމަށް އިންޑިއާ ސަރުކާރުން ވަނީ 300 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެއްވައިފައިކަން ވެސް ރައީސްގެ ވާހަަކަފުޅުގައި ފާހަގަކުރެއްވިއެވެ.