ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ލަންކާގެ ނޫސްތަކުން ބުނީ، ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވީ މީގެ އިރުކޮޅެއް ކުރިން ކަމަށެވެ.

މީގެ ދެ ދުވަހެއް ކުރިން ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ، ބޮޑުވަޒީރަށް އިސްތިއުފާ ދެއްވުމަށް އަންގަވާފައިވާ ކަަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އަދި އެކަން އެމަނިކުފާނު ހޯމަ ދުވަހު އިއުލާނު ކުރައްވާނެ ކަމަށް ކެބިނެޓްގެ މަސްދަރުތަކާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ލަންކާގެ އިގުތިސޯދީ ކާރިސާއާ ގުޅިގެން ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުންތައް ވަނީ ބޮޑުވެފައެވެ.

”ބޮޑުވަޒީރު ވަނީ އިސްތިއުފާގެ ސިޓީ ރައީސަށް ފޮނުއްވާފައި،“ ނަން ހާމަކުރަން ދެކޮޅު ހައްދަވަމުން ސަރުކާރުގެ އޮފިޝަަލަކު މިއަދު ވިދާޅުވިއެވެ.

ރައީސް ގޯޓާބަޔަ ރާޖަޕަކްސައަކީ ބޮޑުވަޒީރުގެ ކޮއްކޯފުޅެވެ.

މަހިންދަ ރާޖަޕަކްސަގެ ތަރުޖަމާނު ރޯހަން ވެލިވިތާ ވިދާޅުވީ، ބޮޑުވަޒީރު އިސްތިއުފާ ފޮނުއްވީ، އެގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ ކާރިސާއާ ހަނގުރާމަ ކުރުމަށް ރައީސް ލަފާދެއްވި ”އާ އެއްބައިވަންތަކަމުގެ ސަރުކާރެއް“ އުފެއްދުމަށް ކަމަށެވެ.

ރާޖަޕަކްސަ މަގާމުން ދުރަށް ވަޑައިގަތުމަށް ހުށަހެޅުއްވިއިރު، އޭނާގެ ޕާޓީގެ ސަޕޯޓަރުން ކޮލަމްބޯގައި މުޒާހަރާ ކުރަމުންދިޔަ ބޮޑު ސަރަހައްދަކަށް ވަދެގަނެ، ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މި ކުރިމަތިލުންތަކާއި ގުޅިގެން ކޮލަމްބޯގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ.