ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ 13 އާއި 14 ވަނަ ޓަވަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ސީސީޓީވީ ކެމެރާ ޕްރޮޖެކްޓްގެ ތެރެއިން ހިޔާ ޓަވަރު 13 އަދި 14 ގައި ކެމެރާ ހަރުކުރެވި އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އެޅިއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯއިން 200 އަށްވުރެ ގިނަ ފްލެޓް ތަޅާލައިފައެވެ.

އެއީ އެތަންތަނުގައި ވިޔަފާރިތަކާއި ބައެއް އަސަސާސީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ތަންތަން ހެދުމަށެވެ. ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ އެކަންކަން ކުރުމަށް އިތުރު އިމާރާތްތަކެއް ހިޔާ ފްލެޓްތައް ކައިރީގައި އިމާރާތް ކުރާށެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި އެޗްޑީސީން ސީސީޓީވީ ކެމެރާ ހަރުކުރަން ފަށާފައިވާއިރު އެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ކުށްތައް ކުރުން ވަނީ ގިނަވެފައެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ގިނަ އެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންގެ އާބާދީ މިހާރު 5000 އަށްވުރެ ގިނައެވެ.